ބަރުދަން ލުއި ކުރަން މަސައްކަތް ކޮށް އެކަމުގެ ނަތީޖާ ނުފެނިގެން އަހަން ޖެހޭ ޝަކުވާ ވަރަށް ގިނަ އެވެ. ކުރާ ކަސްރަތުގެ ނަތީޖާ ނުފެންނަ ބައިވަރު ސަބަބުތައް ހުރެދާނެ އެވެ. އެހެން ނަމަވެސް ނަތީޖާ އަވަސް ކުރަން ވެސް ކަންތައް ތަކެއް ކުރެވިދާނެ އެވެ.

ގިނަ ބަޔަކު ބުނާގޮތުގައި މިކަމުގައި އެންމެ ރަނގަޅީ އެއްފަހަރާ ބޮޑު ބަދަލެއް ގެނެސް ދިހަ ވަރަކަށް ކިލޯ ދުއްވާލުމަށްވުރެ، މަޑުމަޑުން ތިމާގެ ދިރިއުޅުމުގެ އާދަތައް ބަދަލުކުރެމެވެ. ވީހާވެސް ދުޅަހެޔޮ ލައިފްސްޓައިލްއެއް އިޚްތިޔާރުކުރުމެވެ.

މިގޮތުން ބަލާއިރު، ނިދާ ހޭލައިން ކަސްރަތު ކުރުމުގެ ކުރިން ދެ ތަށި ފެން ބުއިމަކީ ކަސްރަތުގެ އެދެވޭ މަގުފަހިވާ ކަމެއް ކަމުގައި އެމެރިކާގެ ސިއްޚީ ވެބްސައިޓެއް ކަމުގައިވާ ވެބްއެމްޑީ އިން މިވަނީ ބުނެފަ އެވެ.

އިތުރު އެހެން އެއްވެސް އެއްޗެއް ނާޅައި ސާފު ފެންތަށްޓެއް ނުވަތަ ދެތަށި ފެން ހުސްބަނޑާއި ހުރެ ބޯލުމުން ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބެ އެވެ.

މިގޮތުން ފުރަތަމަ ކަމަކަށް، ފެނަކީ އެއްވެސް ވަރެއްގެ ކެލަރީއެއް ހުންނަ އެއްޗަކަށް ނުވުމާއިއެކު، ބަރުދަނަށް އަސަރެއް ނުގެނެސްދީ ތިމާގެ ބަނޑު ފުރުވާލަދެ އެވެ. އަދި ކަސްރަތަށް މީހާގެ ހަށިގަނޑު ހޭލައްވާލަ ދިނުމެވެ.

ހަަމައެޔާއެކު، ހަށިގަނޑުގެ މެޓަބޯލިޒަމް ނުވަތަ ކާނާ ހަޖަމު ކުރެވުމުގެ ނިޒާމުގެ މަސައްކަތްވެސް ލުއިކޮށްދީ އަވަސްކޮށްދިނުމުގައި މި ފެންތަށި މުހިންމު ދައުރެއް އަދާކުރެ އެވެ. މިއީވެސް ތިމާގެ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑު އެހީއެކެވެ.

އެހެންކަމުން ދެން ފަހަރަކުން ހެނދުނު ހެނދުނާ ކިތަންމެ އަވަސް އަރުވާލައިގެން އުޅުނަސް ،ކަސްރަތުގެ ކުރިން ނިކަން ހަމަޖެހިލައިގެން ދެ ތަށި ފެން ބޯން އާދަ ކުރާށެވެ..

ކޮންމެއަކަސް، އެންމެންވެސް ހިކިކޮށް ރީތިކޮށް ތިބެން ބޭނުންވެ އެވެ. އެހެން ކަމަށްވާނަމަ މިފަދަ ލުއި ދުޅަހެޔޮ އާދަތަކަށްވެސް އަމަލުކުރެވޭތޯ ބަލަމާ ހިނގާށެވެ.