ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ގިނަ ތުހުމަތުތަކެއް ކުރައްވަމުން އެމިނިސްޓްރީގެ ޕީއެސް އަބްދުﷲ ފަޔާޒް އިސްތިއުފާ ދެއްވައިފި އެވެ.

ފަޔާޒްގެ އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ނިންމާފައިވަނިކޮށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކޮމިޝަނުން އަންގަވާފައިވަނީ 13 ޑިސެމްބަރުގައި ފަޔާޒަށް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއްގަ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މިނިސްޓްރީ އަށް މުވައްޒަފުން ނުނެގުން ފަދަ ތުހުމަތުތަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ފަޔާޒްގެ މައްސަލަ ބެލީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އޭނާ ސަސްޕެންޑްކޮށްފައި ބަހައްޓައިގެންނެވެ. އެގޮތުން 30 ދުވަހަށް މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވެ އެވެ.

އިސްތިއުފާ ދެއްވާ، ސިވިލް ސާވިސް ކޮމިޝަނަށް ފަޔާޒު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާގެ ސަސްޕެންޝަނަށްފަހު އޮފީހަށް ނިކުތުމަށް އަންގާ ލިޔުމުން އޭނާ އޮފީހަށް ނިކުތުމަށް ކޮމިޝަނުން އެންގެވުމާއެކު، މިއަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި އުޅެނިކޮށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އޭނާއާ ބައްދަލު ކުރައްވާ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެދުވަހުގެ 12:00ގެ ކުރިން އިސްތިއުފާ ނުދެއްވައިފި ނަމަ، މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް މިނިސްޓަރު ލިޔުއްވާނެ ކަމަށް ވެސް، ސީއެސްސީއަށް ފަޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފަޔާޒުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ސީއެސްސީން ބަލަމުންދިޔަ އޭނާގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް، މަގާމުން އިސްތިއުފާދިނުމަށް އޭނާއަށް އަންގައި، ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައިގެ ތެރެއަށް ސާބިތު ނުހިފޭ އެތައް ކަމެއް އިތުރު ކުރުމަށް އަދި މަގާމުން ވަކިކުރުމަށް މިނިސްޓަރު ހުންނަވައިގެން އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި ސީދާ ސަރީހަ އިބާރާތުން އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ސީއެސްސީގައި އެދުމުން، ސިވިލް ސާވިސް ކޮމިޝަނުން އޭނާއާ ހަވާލުކޮށްފައިވާ ޕާމަނަންޓް ސެކްރެޓަރީކަމުގެ ޒިންމާ އަދާ ކުރާނެ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށެވެ. އަދި ވަޒީފާގައި ދެމިހުރުމަށް ނިންމާ ނިންމުމުގެ ސަބަބުން އޭނާގެ މައްޗަށް އިތުރު ދޮގު އިލްޒާމު އެޅުވުމުގެ އިތުރަށް ނަފްސާނީ ގޮތުން އޭނާއަށް ފަހި މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތްކަމަށް ނުދެކޭ ކަމަށް ވެސް، ފަޔާޒު ވިދާޅުވެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019ގަ އެވެ.