މިދިޔަ ހަތަރު މަސް ތެރޭގައި ސަލާމަތީ ބާރުތަކުން ހިންގި ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ދެ ފުލުހަކު މަރުވެ، ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ސަލާމަތީ ބާރުތަކުގެ ވެރިން ހާޒިރުކުރުމަށް އެދެފި އެވެ.
އެގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީއަށް ސިފައިންނާއި ފުލުހުންގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށް ހުށަހަޅުއްވާފަ އެވެ.
އޭނާ މިކަމަށް އެދިވަޑައިގަތީ ކައިރި ކައިރީގައި ހިނގި އެކި ހާދިސާތަކުގައި ހަތަރު އޮފިސަރަކު މަރުވެ އަދި ގެއްލިފައިވާއިރު، އެކަމުގައި އެއްވެސް އިދާރާއެއްގެ އިހުމާލެއް ނުވަތަ މަސްއޫލިއްޔަތު އަދާނުކޮށް އޮތްކަން ބެލުމަށް ރަސްމީ ތަހުގީގެއް ހިންގާފައިވޭތޯ ސާފުކުރެއްވުމަށެވެ.
މީގެ އިތުރުން ކަނޑުމަތީގެ ނުރައްކާތެރި އޮޕަރޭޝަންތަކުގައި 'އޮފިސާ ސޭފްޓީ' އާއި ސަލާމަތީ މިންގަނޑުތައް ކަނޑައެޅިފައިވާ ގޮތާއި، މެރިޓައިމް އޮޕަރޭޝަން ސެންޓަރުތަކުގައި އެކަށީގެންވާ ވަސީލަތްތަކާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ތިބިތޯ ބެލުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.
ކުޑޫ ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި ވ. އަތޮޅު ކޭވް ޑައިވް އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ އޮޕަރޭޝަންގެ އިތުރުން ހުވަދު އަތޮޅުގައި ދޯނި ބަންޑުންޖަހާލި ހާދިސާގައި ރިސްކު އެސެސްމެންޓް ހެދި ގޮތާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށް ސަލާމަތީ ސިޔާސަތުތަކަށް ގެންނަ ބަދަލުތައް ހިމެނެ އެވެ. އަދި ވާޖިބު އަދާކުރުމުގެ ތެރޭގައި މަރުވި އަދި ގެއްލުނު އޮފިސަރުންގެ އާއިލާތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން މާލީ ބަދަލާއި އިނާޔަތްތައް ދިނުމަށް ނިންމާފައިވޭތޯ ސާފުކުރުން ވެސް ހިމެނެ އެވެ.
"ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅައިފިން"