ހުސް ބަނޑެހުރެ ބޭނުންކުރަން ނުރަނގަޅު ކާބޯތަކެތި ހުރެ އެވެ. ސަބަބަކީ އެފަދަ ކާނާ ކެއުމުން ސިއްހަތަށް ނޭދެވޭ އަސަރު ފޯރައި، ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާތީ އެވެ.

ބައެއް މީހުން ހެނދުނު ހޭލުމަށްފަހު، ނާސްތާއެއްގެ ބަދަލުގައި ހަމައެކަނި ކޮފީ ތަށްޓަކުން ފުއްދާލަ އެވެ. އެހެން ނަމަވެސް ހުސް ބަނޑަށް ހުރެ ހަމައެކަނި ކޮފީ ބޮއެފިނަމަ، އެސިޑް ރިފްލަކްސް ނުވަތަ ބަނޑުގައި ހުންނަ ގޭސް (އެސިޑް)، ކާތަކެތި ހިނގާ ހޮޅިން މައްޗަށް އެރުމުގެ މައްސަލަ ކުރިމަތިވެ އެވެ.

މީގެ އިތުރުން ބައެއް ބާވަތުގެ ބޭހަކީވެސް ހުސް ގޮހޮރާހުރެ ކެއުން މަނާ ތަކެއްޗެވެ. އެގޮތުން ޕެރެސެޓްމޯލް އަދި ޕެއިން ކިލާފަދަ ބާރުގަދަ ބޭސްތައް ކެއުމުން ގޭސްޓްރިކް ބްލީޑިންގް ފަދަ ބަލިތައް ޖެހެ އެވެ. އެހެންކަމުން އާފަލެއް ނުވަތަ ދޮންކެޔޮ ވަކެއް ކެއުމަށްފަހު ބޭސް ކެއުން މުހިޖދމެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޗުއިންގަމްއަކީ ވެސް ހުސްބަނޑާހުރެ ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ހަޖަމު ކުރަން އުނދަގޫވެ، ބަނޑަށް ނޭދެވޭ އަސަރުތަކެއް ފޯރާތީ އެވެ.

ހެނދުނު ހޭލާ ގޮތަށް އެއްވެސް އެއްޗެއް ނުކައި ހުރެ ރެޑްބުލް ފަދަ ބާރުގަދަ އެނާޖީ ޑްރިންކްސް ބުއިމަކީ ޒުވާނުންގެ ފަރާތުން ފެންނަ ނޭދެވޭ އާދަ އެކެވެ. ނަމަވެސް އެނާޖީ ޑްރިންކްގައި ހުންނަ ބާރުގަދަ އެސިޑްތަކުގެ ސަބަބުން ބަނޑަށާއި ސިއްހަތަށް ނޭދެވޭ އެތައް އަސަރުތަކެއް ފޯރާނެ އެވެ. އަދި މިއީ ގޭސްޓްރިކް ބައްޔަށް ވެސް މަގުފަހިވާ ކަމެކެވެ.

އެހެންކަމުން މިފަދަ ތަކެތި ހުސްބަނޑާ ހުރެ ކެއުމާއި ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މީގެ އިތުރުން، ހުސް ގޮހޮރާހުރެ ނިދުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.