ވިޓަމިން ސީ އާއި ޕްރޮޓީންސް އިން މުއްސަނދި ބްރޮކޮލީ އަކީ ސިއްހީ ގޮތުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީއެއް ނަމަވެސް ގިނަ ބަޔަކަށް ކަމުދާ ބާވަތެއް ނޫނެވެ

ބްރޮކޮލީގައި 90 ޕަސެންޓް ފެން އެކުލެވިގެން ވާއިރު، ހަތް ޕަސެންޓް ކާބްސްއާއި ތިން ޕަސެންޓް ޕްރޮޓީންސް އެކުލެވިގެންވެ އެވެ. ބޮރޮކޮލީގައި އެއްވެސް ވަރަކަށް ފެޓްސް އެކުލެވިގެންނުވެ އެވެ.

ނިއުޓްރީޝަން ރިސާޗް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން އާވިން ކައްކާފައި ހުންނަ ބްރޮކޮލީ އާންމުކޮށް ކާ ކަމުގައި ވަނީނަމަ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ އެވެ. ސަބަބަކީ ބްރޮކޮލީ އަކީ ކޮލެސްޓްރޯލް ދަށްކޮޮށްދޭ ތަރުކާރީއަކަށް ވާތީއެވެ.

ބްރޮކޮލީ ފަދަ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްކަން ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

އެގޮތުން ބްރޮކޮލީ ބޭނުންކުރުމުން އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރުން ދުރުހެލިކޮށްދެ އެވެ.

މީގެ އިތުރުން، 2003 ވަނަ އަހަރާއި 2006 ވަނަ އަހަރު ހަދާފައިވާ ދިރާސާތަކަކުން ދައްކާގޮތުގައި އުމުރުން ދުވަސްވުމުން ލޮލަށް ޖެހޭ ބަލިތައް ކަމަށްވާ ކެޓަރެކްޓް އަދި މެކިޔުލާ ޑިޖެނެރޭޝަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބްރޮކޮލީ ކެއުމުގެ ސަބަބުން ކުޑަވެގެންދެ އެވެ.

ސަލްފާ ގިނަ އަދަދަކަށް އެކުލެވޭ ބްރޮކޮލީއަކީ ހަމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުމުގެ އިތުރުން އިންފެކްޝަނާ ދެކޮޅަށް ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ތަރުކާރީ އެކެވެ.