ރާއްޖެ އައިސް އުޅޭ ބިދޭސީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ރާއްޖޭގެ އިސްލާމީ ޝިއާރާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި ސާކިއުލާއެއްގައި ވަނީ ސިޓީ ކައުންސިލްތަކާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މިފަދަ މައްސަލަތަކުގައި ފިޔަވަޅުއަޅަން ޖެހޭ ހާލަތުގައި ފިޔަވަޅު އަޅަމުން ގެންދިއުމަށް ވަނީ އަންގަވާފަ އެވެ.

"ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނޫގެ ދަށުން ހެދިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގެ 9 ވަނަ މާއްދާ ސާފުވާނެ ގޮތަށް އެފަދަ ފަރާތްތަކަށް ރަނގަޅަށް އިރުޝާދު ދިނުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓްރީއިން ސާކިއުލާގައި ބުނެފައިވެ އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނުގެ ގަވާއިދުގައި ވާގޮތުން، ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ އެއްވެސް އާއްމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ.

އިސްލާމިކް މިނިސްޓްރީން މިފަދަ ސާކިއުލާއެއް ނެރެފައިމިވަނީ ދާދިފަހަކުން އައްޑޫ ސިޓީގެ ހެދުމުގެ މަޝްރޫއުގެ ތެރެއިން ތާރު މަގެއްގައި ތާރު އެޅުން ފެށުމުގެ ކުރިން ހިންދޫ ދީނަށް ނިސްބަތްވާ އަމަލެއް ހިންގި މައްސަލައާ ގުޅިގެނެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.