ރެއަކާ ދުވާލު އިންސާނަކަށް މަދުވެގެން 8 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. މި ވަރަށް ނިދި ހަމަނުވާނަމަ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކި ނުރައްކަލަށް މީހާ ހުށައެޅިގެންދެ އެވެ.

ބަރުދަން އިތުރުވުން

އެކަށިީގެންވާ ވަރަށް ވުރެ މަދުން ނިދުމަކީ މީހާގެ ބަރުދަން އިތުރުވެދާނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ރަނގަޅަށް ނުނިދާ މީހުންގެ ބަރުދަން، ރަނގަޅަށް ނިދާ މީހުންނަށް ވުރެ ބަރެވެ. އަދި ނުނިދުމަކީ މީހާ ފަލަ ބައްޔަށް ހުށަހެޅިގެންދާނެ ކަމެކެވެ.

ލޮޑުވެ ކަންނެތްވުން

ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ނިދި ހަމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދި ހަމަކުރުމުން ސިކުނޑީގެ ޒިންމާތައް ފުރިހަމަކަމާއެކު އަދާކުރުމަށް ވަރަށް ބޮޑަށް ބާރު އެޅިގެންދެ އެވެ. ކަންކަމަށް ޝައުގުވެރިވުމާއި މަސައްކަތްކުރުންފަދަ ކަންކަމަކީ ސިކުނޑީގެ ދުޅަހެޔޮކަމާއެކު ކުރާ ކަންކަމެވެ.

ހިތުގެ ބަލިތަކަށް މަގުފަހިވުން

ރަނގަޅަށް ނުނިދާނަމަ ސިއްހީ ނުރައްކަލުގެ ތެރެއަށް މީހާ ހުށަހެޅިގެންދެ އެވެ. ދިރާސާތަކުން ބުނާ ގޮތުގައި ދުވާލަކު 8 ގަޑިއިރުގެ ނިދި ހަމަކުރާ މީހުންނަށްވުރެ ހަމަ ނުކުރާ މީހުންނަށް ހިތުގެ ތަފާތު މައްސަލަތަކާއި ސްޓްރޯކް ޖެހޭ މިންވަރު ގިނަ އެވެ.