އިސްތަންބޫލް (ނޮވެމްބަރު 14) - ތުރުކީގެ މައި ސިޓީއެއް ކަމަށްވާ އިސްތަންބޫލްގައި އިއްޔެ ހަވީރު ދިން ޓެރަރިސްޓް ހަމަލާއެއްގައި ހަ މީހުން މަރުވެ 81 މީހުން ޒަޚަމްވެއްޖެ އެވެ.

ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ހަމަލާދީފައި ވަނީ އިސްތަންބޫލްގެ މެދުތެރޭގެ ތަކްސިމް ސްކްވަޔާގައި ވިޔަފާރި އަށް ޚާއްސަ އިސްތިގްލާލް ސްޓްރީޓޫގަ އެވެ. މިއީ ތުރުކީ އަށް މިހާރު އާއްމުކޮށް ދަތުރުކުރާ ދިވެހިން ވެސް ވިޔަފާރި އާއި އެނޫން ވެސް ބޭނުންތަކުގައި ގޮސް އުޅޭ ސަރަހައްދެކެވެ. އެ ހިސާބުގެ ބައެއް ހޮޓާތަކުގައި ދިވެހިން ތިބޭ ކަމަށްް ވެސް ވެ އެވެ.

ތުރުކީގެ ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނައިބް ރައީސް ފުއާތު އޮކްޓޭ ކުރިން ވިދާޅުވެފައި ވަނީ އެއީ އަންހެނަކު ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އެ ހަމަލާގެ ފަހަތުގައިވާ މީހުންނަށް ފިލައި ނުތިބެވޭނެ ކަމަށާއި އެ މީހުން ހޯދާ އިސްނާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ. އިސްތަންބޫލްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގެ ޖައްވުގައި "ޓެރަރިޒަމްގެ ވަސް" އަދިވެސް އެބަހުރި ކަމަށެވެ.

ޖަސްޓިސް މިނިސްޓަރު ބެކީރް ބޮޒްޑާގު ވިދާޅުވީ އެ ސަރަހައްދުގައި ހުރި ގޮނޑިއެއްގައި އަންހެނަކު 40 ވަރަކަށް މިނިޓް އިށީނދެ އިން ކަމަށާއި އޭނާ ތެދުވެގެން ދިއުމާ އެކު ބޮން ގޮއްވާލާފައިވާ ކަމަށެވެ.

ދާޚިލީ ވަޒީރު ސުލައިމާން ސޮޔޫލޫ ވިދާޅުވީ ގޮއްވާލި ބޮން ބޭއްވި ކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އަށް ނިސްބަތްވާ މީހެއް ކަމަށާއި އެހެންވެ ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އެ ޖަމާއަތުން ކަމަށެވެ.

ޕީކޭކޭ އަކީ ތުރުކީގައި ކުރުދީންނަށް ވަކި ދައުލަތެއް ގާއިމްކޮށް ދިނުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ. އީޔޫ އާއި އެމެރިކާ އިން ވަނީ ޕީކޭކޭ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބަލައިގެންފަ އެވެ.