ޓާމިނަލް ކެފޭ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ނަދީމް މަރާލާފައި ވަނީ 2017 ޖުލައި 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ޓާމިލަން ކެފޭއަށް ދިޔަ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބަޔަކު އޭނާ މަރާލީ މޫނު ނިވާކޮށްގެން ތިބެ އެވެ.
އޭނާ މަރާލިކަމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމްގެ މައްޗަށެވެ. ނަދީމް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ.
އެ އެންމެންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ. ނަދީމަށް މަފާޒް ވަޅިން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ދެ މީހަކު ހެކިބަސް ދީފައިވެ އެވެ. އަދި ފަހުން އެ ދެ މީހުން ވަނީ އެ ހެކިބަސް އަނބުރާ ގެންދައި ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފަ އެވެ. ދެން ތިބި މީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.