ޑައިޓުކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ކެއުމަކީ އޯޓްސް އެވެ. ރަހަ މީރު ނުވި ނަމަވެސް އޯޓްސް ކަނީ އެއިން ލިބޭ ފައިދާއަށް ބަލާފަ އެވެ. މި ލިޔުމުގައި ބަލައިލާނީ އޯޓްސް ކެއުމުގެ ފައިދާ ތަކަށެވެ.

އޯޓްސް ކާނަމަ، މޫނުގެ ހަނގަނޑު ރީތިވާކަމަށް ގިނަ ސިއްހީ މާހިރުން އެއްބަސްވެ އެވެ. އެގޮތުން، އޯޓްސްގައި ހުންނަ ޒިންކުގެ ސަބަބުން ހަންގަނޑު ސާފުކޮށްދީ އުޖާލާ ކޮށްދެ އެވެ. އަދި ދަގަނޑުގެ ބާވަތުން ހަނގަނޑު މޮއިސްޗަރައިޒް ކޮށްދޭއިރު، މެގްނީޒިއަމްގެ ސަބަބުން މަރުވެފައި ހުންނަ ސްކިން ސެލްތައް ދުއްވާލާ، ހަނގަނޑު އާކޮށްދެ އެވެ.

އޯޓްސް އަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ބާވަތެކެވެ. ކޮންމެ ދުވަހަކު 8 މޭޒުމަތީ ސަމްސާގެ އޯޓްސް ކާނަމަވެސް، އެ ލިބުނީ ކޮންމެ ދުވަހަކަށް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ 15 ޕަސަންޓެވެ. އަދި އޭގައި އެކުލެވޭ ވިޓަމިން ގްލުޓަމިންއާ، ވިޓަމިން އީ އަދި އެންޓިއޮކްސިޑެންޓު ތަކުގެ ސަބަބުން މަސްލް ފައިބާގެ އުފެދުން އަވަސްވެ އެވެ.

ސިއްހީ މާހިރުން ބުނާގޮތުން، އޯޓްސް ކެއުމުން މީހާއަށް ހަކަތަ ލިއްބައިދެ އެވެ. އަދި އޯޓްސްއަކީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވޭ ބާވަތެއް ކަމުން، ގިނަ އިރު ބަނޑު ފުރިފައި ހުރެ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރި ވުމަކީވެސް އޯޓްސް ކެއުމުގެ ފައިދާއެކެވެ. އޯޓްގައި ގިނަ އަދަދަކަށް ސިއްހަތަށް ރަނގަޅު ފެޓްސް ހުރެ އެވެ. އަދި މިފަދަ ފެޓްސް އަކީ ލޭ ދައުރު ވުމުގެ ނިޒާމަށް އެހީވެދޭ ބާވަތެކެވެ. އަދި އޯޓްސްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ބްލަށް ވެސެލް ތަކުގެ ފާރުތައް ހަލާކުވުމުން ރައްކާތެރި ކޮށްދެ އެވެ.

ގަވާއިދުން އޯޓްސް ކެއުމަކީ ބައުދަން ލުއިކޮށްދިނުމަށް އެހީވެދޭ ކަމެކެވެ. އަދި ހެނދުނުގެ ނާސްތާގެ ގޮތުގައި އޯޓްސް ކެއުމުން، ބަނޑު ފުރިފައި ހުންނާތީ، ގިނައިރު ނުކައި ހުރެވެ އެވެ. އަދި ސްލޯ ކާބޯހައިޑްރޭޓްސްގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދޭއިރު، އޭގައި އެކުލެވޭ ނިއުޓްރިއެންޓްސްގެ ސަބަބުން ހަޖަމް ކުރުމުގެ ނިޒާމު ރަނގަޅު ކޮށްދެ އެވެ.