ރޭގަނޑު ނުނިދިގެން ނޫނީ ނުނިދާ އުޅޭ މީހުން ވަރަށް ގިނަ އެވެ. އެއްބަޔަކު ކޮންމެވެސް ސީރިޒްއެއް ބަލާށެވެ. ނޫނީ އެކުވެރިންނާ އެކު މަޖަލު ގައެވެ. ހެނދުނު އަވަހަށް ހޭލައިގެން ވަޒީފާއަށް ދާންޖެހޭ މީހުންވެސް މެއެވެ.

ތިމާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ހަމަ ޔަގީނުންވެސް ކުރާނެ އެވެ. ވިސްނާލާށެވެ ގެއްލުން ތިދެވެނީ ހަމަ ތިމާގެ ހަށިގަނޑަށެވެ.

އުމުރާއެކު ހަށިގަނޑަށް ބޭނުންވާ ނިދީގެ މިންވަރު ވެސް ތަފާތުވެ އެވެ. އެގޮތުން ތިންމަހުގެ ކުޑަކުއްޖަކަށް 14-17 ގަޑިއިރުގެ ނިދިބޭނުން ވެއެވެ. އަދި 4 މާހާއި 11 މަހާ ދޭތެރޭގެ ކުޑަކުއްޖަކަށް 12-15 ގަޑީއިރުގެ ނިދިބޭނުންވާއިރު 1 އަހަރާއި 2 އަހަރާ ދެމެދުގެ ކުއްޖަކަށް 11-14 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ.

ކުއްޖާ ސްކޫލަށް ދާ އުމުރުފުރާ ފެށޭއިރު 3 އަހަރާއި 5 އަހަރުގެ ކުއްޖަކަށް 10-13 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. އަދި 6 އަހަރާއި 13 އަހަރާއި ދެމެދުގެ ކުއްޖަކަށް 9-11 ގަޑިއިރުގެ ނިދި ބޭނުންވާއިރު 14 އަހަރާއި 17 އަހަރުގެ ކުއްޖަކަށް ބޭނުންވަނީ 8-10 ގަޑިއިރުގެ ނިންޖެވެ.

މީހާ ބޮޑުވަމުން ދާ ވަރަކަށް ހަށިނގަޑަށް ބޭނުންވާ ނިދީގެ މިންވަރު ދަނީ މަދުވަމުންނެެވެ. އެގޮތުން 18 އަހަރާއި 25 އަހަރުގެ މީހަކަށް ބޭނުންވަނީ 7-9 ގަޑިއިރުގެ ނިންޖެވެ. އަދި 26 އަހަރާއި 64 ދެމެދުގެ މީހަކަށްވެސް 7-9 ގަޑިއިރުގެ ނިބޭނުންވާނެ އެވެ. އަދި 65 އަހަރަށް ވުރެމަތީގެ މީހަކަށްނަމަ މަދުވެގެން 8 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ.

މި މިންގަނޑަށް ނިދި ނުލިބޭނަމަ ވަރުބަލިކަން އިހްސާސް ކުރެވި ކިޔެވުމަށް ނުވަތަ ކުރާ މަސައްކަތަށް ސަމާލުކަން ދިނުމަށް ދަތިވެ އެވެ. އަދި ހިތުގެ ބަލިތަށް ޖެހުމަށް މަގުފަހިވެ އެވެ.

އޭގެ އިތުރުން ހަންގަނޑުހައި ރޫޖެހި ހަންގަނޑުގައި ހުންނަ އޮމާންކަން ގެއްލިދިއުމުގެ ސަބަބަކަށް، ބޭނުން ވާ ވަރަށް ނިދި ނުލިބުން ހިމެނެ އެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ނިދި ހަމަކުރުން މުހިއްމެވެ.