މިދިޔަ ބުދަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ ބަޔަކު މަރުވި މ. ނިރުފަހި ގެއިން މީހެއްގެ ފައިތިލައެއް ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިރުފެހިގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލައެއް މިއަދު ފެނިފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނެފައި ވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެންމެ ފުރަތަމަ އަލިފާން ރޯވީ އެގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖުގަ އެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ. އޭގެތެރެއިން އިންޑިއާއަށް ނިސްބަތްވާ ތިން މީހެއްގެ ހަށިގަނޑު މިހާރު ވަނީ އެ ގައުމަށް ފޮނުވާލާފަ އެވެ.