ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން އަންހެން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައި ޝަރީއަތުގެ މަޖިލިހެއް ކުރިޔަށް ގެންގޮސްފި އެވެ.

ޖުމްލަ 11 ފަނޑިޔާރުން ހިމެނޭ ހައިކޯޓުގައި 3 އަންހެން ފަނޑިޔާރުން ތިއްބަވަ އެވެ. އެއީ ފާތިމަތު ފަރުހީޒާ، ހުޒައިފާ މުޙައްމަދު އަދި ދީބާނާޒް ފަހުމީ އެވެ. ހައިކޯޓުގައި ކޮންމެ މައްސަލައެއް ވެސް ބައްލަވާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އިސްތިއުނާފީ ކޯޓު، ހައިކޯޓުގައި ފުރަތަމަ ފަހަރަށް އެކުލަވާލި ތިން އަންހެން ފަނޑިޔާރުންގެ ބެންޗުން ބައްލަވަނީ އަމިއްލަ މީހަކާއި މޮރިޝަސް ބޭންކާއި ދެމެދު ހިންގާފައިވާ މުއާމަލާތަކާނގުޅޭ ޝަރީއަތުގެ މައްސަލައެކެވެ.

ހައި ކޯޓުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުން މައްސަލަ ބެއްލެވުން އެއީ ތާރީޚީ ދުވަހެއްގެ ގޮތުގައި އެ ކޯޓުން ވެސް ސިފަކޮށްފައިވެ އެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާގައި މަތީ މަރުހަލާގެ ކޯޓުތަކަށް ފުރަތަމަ ފަހަރަށް ވަނީ އަންހެން ފަނޑިޔާރުން އައްޔަންކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް ވެސް ވަނީ އަންހެން ދެ ފަނޑިޔާރުން އައްޔަންކޮށްފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒަމިރާލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ފާއިތުވި ދެތިން އަހަރު ރާއްޖޭގެ ކޯޓްތަކަށް އައްޔަންކުރި އަންހެން ފަނޑިޔާރުންގެ ނިސްބަތް އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.