އުމުރުން ދުވަސްވާރަކަށް އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ހުޅުތަކުގައި ރިއްސާތީ އުޅެ އެވެ. މިއީ ޒުވާން އުމުރުގައި ކޮންމެ ދުވަހަކު ދެ މިނެޓު ހުސްކޮށްލައިގެން ދުރުވެވޭނެ ކަމެކެވެ.

ދުވާލަކު ދެ ތިން މިނެޓަކު ބަރު އުފުލައިގެން ދުވެލުމުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.

ޔުނިވާސިޓީ އޮފް އެކްސްޓާސްގެ އިސް ލިޔުންތެރިޔާ ވިކްޓޯރިޔާ ސްޓައިލްސް ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި 60-120 ސިކުންތަށް ކޮންމެ ދުވަހަކު ދުވާ އަންހެނުންގެ ކަށީގެ ދުޅަހެޔޮކަން 4 ޕަސެންޓް އިތުރެވެ. އަދި މިނެޓަކަށް ވުރެ މަދުން ދުވާ މީހަކާއި އަޅާ ބަލާއިރު 6 ޕަސެންޓް ކަށީގެ ދުޅަހެޔޮކަން އިތުރެވެ.

ސްޓައިލްސް ބުނާ ގޮތުގައި މިއީ 2500 އަށް ވުރެ ގިނަ އަންހެނުން ބޭނުން ކޮށްގެން ކުރި ދިރާސާ އެކެވެ. އަދި މަދު އިރުކޮޅަކު ދުވުމަކީ ރަނގަޅު ކަމެއް ކަމަށް އަދި ގިނަ ބަޔަކަށް ނޭނގޭ ކަމަށް އޭނާ ބުނެ އެވެ.

ހަފްތާއަކު ދެ ދުވަހު ގިނައިރު ކަސްރަތުކޮށްފައި ބާކީ ހުރި ދުވަސްތަކުގައި ކަސްތަރު ނުކުރާ މީހަކާއި ކޮންމެ ދުވަހަކު 2 މިނެޓް ބަރު އުފުލައިގެން ދުވާ މީހަކާއި ހަމަހަމަ ކަމަށު ދިރާސާއިން ދައްކަ އެވެ.

އޭގެ އިތުުރުން އިންޓަނޭޝަނަލް ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ވެސް ބުނެފައިވާ ގޮތުގައި ބަރު ބޭނުން ކޮށްގެ ކަސްރަތު ކުރާ އަންހެނުންގެ ކަށީގެ ދުޅަހެޔޮކަން އިތުރުވެ އެވެ.

ކަށީގެ ދުޅަހެޔޮކަން އިތުރުވުމަކީ މުސްކުޅިވުމުން ކަށިތައް ފީވެ ހަލާކުވުމުން ދުރުކޮށްދޭ ކަމެއް ކަމަށް ދިރާސާގައި ސްޓައިލްސް ބުނެފައިވެ އެވެ.