ގަޑިއިރަކު 75 މީޓަރު ޓެސްޓުކުރެވޭ، ޒަމާނީ މީޓަރު ޓެސްޓިން ބެންޗެއް ގެނެސް ފެނަކައިން އެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މީޓަރު ޓެސްޓުކުރުން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އާއި ޗެއާމަން މުހައްމަދު ރަޝީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ މި ހިދުމަތް ފެނަކައިން ފެށުމަކީ މުޅި ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ކުރިން މީޓަރު ޓެސްޓުކުރުމަށް އެތައް ހަފްތާއެއް މަޑުކުރަން ޖެހުނު ނަމަވެސް، މިހާރު އެކަން ނިމުމަކަށް ގެނެވިއްޖެ ކަމަށް ސައީދު ވިދާޅުވި އެވެ.

"މަސައްކަތުގެ އަވަސް މިނަށް ބަލާފައި މިއަދު ރާއްޖޭގައި މީޓަރު ޓެސްޓުކުރަން ބޭނުންވެގެން [އެކަމަށް] ތިން ދުވަސް، ހަތަރު ދުވަސް، އެއް ހަފްތާ ނެގުން މާޒީވެ ދިޔައީ. އެހެންވުމާ އެއްކޮށް އެންމެ މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި ސްމާޓް މީޓަރު ވެސް ޓެސްޓުކުރެވޭނެ ބެންޗެއް ފެނަކައިގައި ގާއިމުވެގެންދިއުމަކީ ދިވެހިންނަށާއި މި ހިދުމަތް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އައްޑޫ ސިޓީ އާއި ބޮޑު ތިލަދުންމަތީގައި ވެސް ކަރަންޓް ނީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންއިން ތަޢާރަފްކުރި މީޓަރު ޓެސްޓްކުރުމުގެ ހިދުމަތާއެކު ގަޑިއަކު 75 މީޓަރު އެއްފަހަރާ ޓެސްޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އަދި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓް މީޓަރު ޓެސްޓުކުރުމަށް ގާއިމުކުރެވުނު އެންމެ ޒަމާނީ ވަސީލަތްކަމަށް ފެނަކައިން ބުނެ އެވެ.

މީޓަރު ޓެސްޓުކުރުމަށް އެދޭ ފަރާތްތަކުން ފެނަކަ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު މީޓަރު ފެނަކައިގެ ކައުންޓަރާ ހަވާލުކުރުމުން މަދު ގަޑިތަކެއްގެ ތެރޭގައި މީޓަރު ޓެސްޓުކުރެވޭނެ ކަމަށް ފެނަކައިން ބުނެ އެވެ.