ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރުގެ ޓެކްނިކަލް އޮޕަރޭޝަންތަކާ ހަވާލުވެ ހުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ބުރަ ޒިންމާ އަދާކުރަމުން ލިބޭ ފުރުސަތުތަކުގައި ސީ ޕްލޭން ޕައިލެޓްގެ ގޮނޑީގައި އިށީނުމަކީ ވެސް ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. އެއީ ހިތްވަރާއި ބުންވަރާއި ކެރުން ބޭނުންވާނެ ކަމެކެވެ.
އެހެން ނަމަވެސް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގައި މަސައްކަތް ކުރަމުން އަންނަ އަހްމަދު އަޒުމީ އެ ދެ ޒިންމާ ވެސް އަދާ ކުރަނީ ކުރާ ހިތުންނެވެ. އުދުހުމާއި ވައިގެ ދަތުރު ފަތުރަށް އޭނާގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އަޒުމީއަކީ ޓީއެމްއޭގެ ޕައިލެޓެއްގެ އިތުރުން އެކުންފުނީގެ ޓެކްނިކަލް އޮޕަރޭޝަންސްއާ ހަވާލުވެ ހުރި އެސިސްޓަންޓް މެނޭޖަރެވެ.
އަޒުމީގެ ހަޔާތުގައި ވައިގެ ދަތުރުފަތުރަށް ދެވިފައި އޮތް ލޯތްބާއި އޭނާގެ މިހާރުގެ ޒިންމާތަކުގެ ވާހަކަ ހޯދާލުމަށްޓަކައި އޭނާއާއެކު އިންޓަވިއުއެއް ކުރިއަށް ގެންދިޔައީމެވެ.
ސ. މި ދާއިރާއަށް ހިތް ޖެހުނީ ކިހިނެއް؟
ޖ. އަހަރެންގެ ގިނަ ރަހުމަތްތެރިންނެކޭ އެއްގޮތަށް އެންމެ ކުޑައިރުއްސުރެ ވެސް ޕައިލެޓަކަށް ވާން ބޭނުންވި. އެހެން ނަމަވެސް މާލީ ގޮންޖެހުންތަކުގެ ސަބަބުން ސްކޫލު ނިމުމަށްފަހު އައިޓީގެ ރޮނގުން ޑިގްރީ ހާސިލްކުރީ. މި މުއްދަތުގައި ވެސް އޭވިއޭޝަން ދާއިރާއިން ކުރިއަށް ދެވޭނެ ކުޑަވެސް މަގެއް އޮތްތޯ ބަލަމުން އައީ. އެގޮތުން އިވުނީ ޓީއެމްއޭއިން ދޭ ސްކޮލާޝިޕެއްގެ ވާހަކަ. ޓީއެމްއޭ ޒުވާނާ ސްކޮލާޝިޕްގެ ދަށުން މި ދާއިރާއަށް ނުކުމެވުނީ.
ސީޕްލޭން ދާއިރާގައި މިހާތަނަށް އަޒުމީގެ ތަޖުރިބާއަކީ ކޮބާ؟
ޖ. ޓީއެމްއޭގެ އޮޕަރޭޝަންތަކުގެ އެކި ހިސާބުތަކުގައި އުޅުމުގެ ނަސީބު ލިބުނު. ޕައިލެޓެއްގެ ގޮތުގައާއި ޓެކްނިކަލް ފަޅިން ވެސް ތަޖުރިބާ ލިބިފައިވޭ. ރާއްޖޭގައި އުދުހުމަކީ ދުވަހަކު ވެސް ފޫހިނުވާނެ ކަހަލަ ކަމެއް. 80 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރާ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓާގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެއް.
ޓެކްނިކަލް އޮޕަރޭޝަންގައި ބޮޑަށް އޮންނާނީ ސޭފްޓީ އެން ސެކިއުރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ބޯޓުތައް ފެތޭތޯ ބަލައި އެކަމާ ގުޅޭ ލިޔެކިޔުންތައް ގެންގުޅުން. މި މަސައްކަތުގައި އަޅުގަނޑުގެ އައިޓީ ތަޖުރިބާވެސް އެހީވެދޭ. ޓީއެމްއޭއިން މިހާ ހިސާބަށް އާދެވުނުއިރު ތަޖުރިބާކާރު ގިނަ ބޭބޭފުޅުންގެ އަރިހުން ތަމްރީނު ވުމުގެ ނަސީބު އަޅުގަނޑަށް ލިބުނު.
ސ. މަސައްކަތުގެ އެއް ދުވަސް ސިފަ ކޮށްދީފާނަންތަ؟
ޖ. ޕައިލެޓެއްގެ ޒިންމާއާއި ޓެކްނިކަލް އޮޕަރޭޝަންސްގެ ޒިންމާއަކީ ވަރަށް ތަފާތު ދެ ކަމެއް. ދުވަސް ދާގޮތް އެނގޭނީ އަދާކުރާ ޒިންމާއަކުން. ޓެކްނިކަލް ފަޅީގައި އުޅޭނަމަ 9:00 ގައި މަސައްކަތް ފެށޭނީ. އެހެން ނަމަވެސް ޕައިލެޓްކުރާ ދުވަހެއް ނަމަ 5:30 ން ދުވަސް ފެށޭނެ. ބައެއް ދުވަސް ތަކަކީ ދެ ޒިންމާ އެކުގައި ވެސް އަދާކުރަންޖެހޭ ދުވަސްތައް.
ސ. ކުރާ މަސައްކަތުގެ އެންމެ ގަޔާވާ ކަމަކީ ކޮބާ؟
ޖ. ދިވެހިރާއްޖެ ފަދަ ރީތި ގައުމެއް ވައިގެ ތެރެއިން ބަލާލަން ލިބުމަކީ ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން. ސީޕްލޭންތަކަކީ ކޮމާޝަލް މަތިންދާބޯޓުތަކަށްވުރެ ތިރިން ދަތުރުކުރާ ބޯޓުތަކެއް ކަމުން އެ ރީތިކަން އިތުރަށް ސިފަވޭ. ރީތި ގޮނޑުދޮށްތަކާއި ކޯމަހުގެ އުފާވެރި ހަރަކާތްތައް ފަދަ ކަންކަން ބަލާލަން ލިބުމަކީ ނަސީބެއް.
ޕައިލެޓްކަމުގައި ނޫޅޭނަމަ އުޅޭނީ އޮފީހުގައި. ކޮމްޕިއުޓަރެއް ކައިރީ އިނދެގެން ވެސް ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިިބިގެންދޭ. އެގޮތުން އެކި ޕްރޮޖެކްޓްތައް ބެލެހެއްޓުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަަން ޓީއެމްއޭއިން ގަވާއިދުން ކުރޭ.
އަޅުގަނޑުގެ ދެ މަސައްކަތަކީ ވެސް ވަރަށް ގުޅިލާމެހިފައިވާ ދެ މަސައްކަތް. ޓެކްނިކަލް އޮފިސަރެއްގެ ގޮތުގައި ލިބުނު ތަޖުރިބާއިން ޕައިލެޓްކަމުގައި މިހާ ހިސާބަށް އާދެވުނީ.
ސ. މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
ޖ. އަޅުގަނޑުމެންނަކީ 80 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުކުރާ ބައެއް. ކޮންމެ ދަތުރަކީ ވެސް މޫސުމާއި ލޭންޑިން ވަސީލަތްތަކާއެކު ތަފާތު ދަތުރެއް. ކުންފުނީގައި އެކި ގައުމުތަކުގެ އެކި ފަންތީގެ މީހުން އުޅޭއިރު އެންމެން ވެސް މަސައްކަތް ކުރަނީ އެއް އަމާޒަކަށް. އެންމެ ބޮޑު ގޮން ޖެހުމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރާނީ މި ކަންކަމާއެކު ވެސް ދުވާލަކު 5،000 އަށްވުރެ ގިނަ ފަސިންޖަރުން އެ މީހުންގެ މަންޒިލަށް ސަލާމަތްތެރިކަމާއެކު ގެންގޮސްދިނުން. މިއީ ގިނަ ބައެއްގެ އެއްބާރުލުމާ އެކީގައި ނޫނީ ނުވާނެ ކަމެއް.
ސ. މިހާތަނަށް މި ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟
ޖ. ކެޕްޓަންއެއްގެ މަގާމު ލިބުމަކީ އަޅުގަނޑު ދެކޭގޮތުގައި މިހާތަނަށް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ. އަދި ހަމައެއާއެކު އޭވިއޭޝަން ދާއިރާގެ މީގެ ކުރިން ނޭނގޭ ގިނަ މައުލޫމާތު ތަކެއް ލިބުމަކީ ވެސް ކާމިޔާބެއް. މީގެ ކުރިން އައިޓގެ ރޮނގުން ހާސިލްކުރި ތައުލީމު މިހާރު މިކުރާ މަސައްކަތުގައި ވެސް ބޭނުން ކުރެވުމަކީ އެންމެ ހިތްހަމަޖެހޭ އެއް ކަންތައް. ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރާއެކު އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދެވުމަކީ ލިބޭ ފަޚުރެއް.
ސ. މި ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ކުދިންނަށް ބުނެލާނީ ކީކޭ؟
ޖ. ޕައިލެޓްކަން ކުރުމަކީ ވަރަށް ތަފާތު ކަމެއް. މިކަމުގައި އެއާލައިންތަކާއި ގައުމުތަކުގެ މެދުގައި ވެސް ތަފާތު ހުރޭ. އެހެން ކަމުން ތަމްރީން ސްކޫލެއް ހޯދާއިރު ރަނގަޅަށް ދިރާސާކުރުން މުހިއްމު. ވިސްނަންވާނެ މިއީ ގޮންޖެހްުންތަކާ ކުރިމަތިވާނެ ކަމެއްކަން. އެކަމަކު ބުރަ މަސައްކަތުން ލިބޭ ނަތީޖާގެ ރަހަ ފޮނިވާނެ.