ރޭގަނޑު މެންދަމު ވަގުތެއްގައި އެ ދެމަފިރިންނަށް ޖެހުނީ އެ މީހުން ދިރިއުޅެމުންދިޔަ ގެއިން ނިކުންނާށެވެ. ތުއްތު ދެކުދިންނާ އެކު މަގުމަތިވުމުން ގޮތް ހުސްވެފައި ތިބި އެ ދެމަފިރިން އެ މީހުންގެ، އުމުރުން ނުވަ އަހަރާއި ދޮޅު އަހަރުގެ ދެކުދިން ގޮވައިގެން ގޮސް ވަނީ ކުޑަ ޖިފުޓިއަކަށެވެ. ނިދާނެ އެނދެއް އިށީންނާނެ ގޮނޑިއެއް ދޮރެއް ދޮރުފަތެއް ހިސާބު ވެސް ނެތް، އެ ޖިފުޓިއަށް ވަން ގޮތަށް އެތަނުގައި އެ މީހުންގެ ދިރިއުޅުން އާބާދުކުރި އެވެ.
ފުވައްމުލަކު އެކޯޑު، އަލީ ހަސަން އޭނާގެ އަންހެނުންނާއެކު ދިރިއުޅެމުން ގެންދިޔައީ މައިން ބަފައިންގެ ގޭގަ އެވެ. ޒަވާޖީ ހަޔާތުގެ ކުރީ ކޮޅުގައި އަލީ މަސައްކަތް ކުރަމުން ގެންދިޔައީ ރިސޯޓުތަކުގަ އެވެ. ރިސޯޓުން ލިބޭ ޗުއްޓީގައި ރަށަށް އައިސް ބައެއް ފަހަރު އަލީގެ މައިން ބަފައިން، އަނެއްބައި ފަހަރު އަންހެނުންގެ މައިންބަފައިންގެ ކައިރީގައި ދިރިއުޅުން ވޭތު ކުރަމުން ދިޔަ އެވެ.
އަލީގެ ހަޔާތަށް ތޫފާނެެއް އައިސް ހުރިހާ ކަމެއް އެފުށް މިފުށަށް ޖަހާލީ އަލީ ބުނާ ގޮތުން އޭނާގެ އަންހެނުންގެ މައިންބަފައިންގެ ގޭގައި އުޅެމުން ދަނިކޮށެވެ.
"އެއީ ވަރަށް ހިތްދަތި ދުވަސްތަކެއް. ނަމަވެސް މިހާރު މިވަނީ އެ ހުރިހާ ކަމުން އަރައިގަނެ އަމިއްލަ ގެއެއް އިމާރާތްކޮށްފައި،" ދިރި އުޅުމުގައި ދިމާވި އެންމެ ހިތް ދަތިކަމަކީ އެއީ އެރޭގެ ހާދިސާ ކިޔާދެމުން މިހާރު ފުވައްމުލަކު ހޮސްޕިޓަލުގެ މެއިންޓެނެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދާ އަލީ ބުންޏެވެ.
އަންހެނުންނާ އޭނާގެ އާއިލާޔާ ޖެހުނު މައްސަލައެއްގައި ވަގުތުން ވަގުތަށް އަލީގެ ދެމަފިރިންނަށް ޖެހުނީ ދިރިއުޅެމުން ދިޔަ ގެއިން ނިކުންނާށެވެ.
ދަންވަރު ގެއިން ނިކުންނަން ޖެހުމުން އަލީގެ އަންހެނުންނާ މަޝްވަރާ ކުރުމުމަށްފަހު ނިންމީ އެމީހުނަށް އޭރު ލިބިފައި އޮތް ގޯތީގައި ހަދާފައި ހުރި ޖިފުޓިއަކަށް ބަދަލުވާށެވެ. އޭރު އެ ހިސާބަކީ ބިޔަ ޖަންގައްޔެވެ. ވަރަށް ގިނަ ބަޔަކަށް އެ ހިސާބުން ގޯތި ލިބިފައި ހުރި ކަމުގައި ވިޔަސް އެއްވެސް ބަޔަކު ގެއެއް ނާޅަ އެވެ. އެހެންކަމުން މުޅި ހިސާބު އޮތީ ގަސްތަކުން ފުރިފަ އެވެ.
ބިޔަ ގަސްތަކާ ރުއްތަކުގެ މެދުތެރޭގައި އޭރު އެޅީ ކުޑަ ޖިފުޓި ގަނޑެކެވެ. 8 ފޫޓު 8 ފޫޓުގެ އެ ތަންކޮޅުގައި ހުރީ އުނދޯއްޔެއް އެކަންޏެވެ. ދޮރެއް ދޮރުފަތެއް ވެސް ނެތެވެ.
އަލީ ކިޔައިދިން ގޮތުގައި އެރޭ އުނދޯލި ނަގާފައި ބިންމަތީގައި ގޮދަޑިއެއް ބާއްވައިގެން ތުއްތު ދެކުދިންނާ އަންހެނުންނާ އެކު ނިދީ އެތާނގަ އެވެ.
ޖިފުޓީގައި ހިތްދަތި ކަމާ އެކު ހޭދަ ކުރި ފުރަތަމަ ރެއަށްފަހު ޖެހިގެން އައި ދުވަހު އަންހެނުންނާ އާއެކު އެތަނުގައި ދަނޑިފަނުން ގެއެއް އެޅުމުގެ މަސައްކަތް އަލީ ފެށި އެވެ. އެ މަސައްކަތަށް ރަހުމަތްތެރިންގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބުނެވެ.
"އަހަރެމެން ދެ މީހުން ނިންމީ ވީހާ އަވަހަކަށް ގެއެއް އަޅަން. އޭރު އެޅެން އޮތީ ދަނޑިފަނުން ކަމަށްވާތީ މަސައްކަތް ފެށީ އެގޮތަށް،" އަލީ ބުންޏެވެ.
ރައްޓެހިންގެ އެއްބާރުލުމާއި އަންހެނުންގެ ވަރަށް ބޮޑު ހިއްސާއަކާއެކު ކުރި މަސައްކަތުން ދަނޑިފަނުން ކުޑަ ގެއަކާ ގިފިއްޔަކާ ބަދިގެއެއް އެޅުމަށްފަހު އަލީ ދިޔައީ ރިސޯޓަށެވެ. ރިސޯޓުގައި މަސައްކަތް ކުރުމަށްފަހު ލިބުނު ފައިސާއިން ގެއެއް އިމާރާތް ކުރަން ފެށި އެވެ.
"އެންމެ ފުރަތަމަ އެޅީ އެއްކޮޓަރި. އެއްފަހު ބައި ބައި އިތުރަމުން ގޮސް މިހާރު މިހިރީ ބޮޑު ގެއަކަށް ވެފައި،" ދަނޑިފަނުން ހުރި ޖިފުޓި ބަދަލުވެގެން އައި ގޮތް ކިޔާދެމުން އަލީ ބުންޏެވެ.
ޖިފުޓިއަކުން ފެށި އަލީގެ ގެ، މިހާރު ވަނީ ތިން ބުރީގެ ހިތްގައިމު އިމާރާތަކަށް ވެފަ އެވެ. އެ ޖިފުޓިއަށް ގޮވައިގެން ވަން ދެކުދިންނާ އެކު ޖުމުލަ 5 ކުދިން ލިބި ހުރިހާ ކުދިން ވެސް ރަނގަޅު ގޮތުގައި ވަނީ ބޮޑުކޮށްފަ އެވެ.
އަލީގެ ކާމިޔާބަކީ ހިތްވަރު އެލުވައި ނުލާ ގަދައަޅައި ކުރި މަސައްކަތެވެ. ދިރި އުޅުމުގައި ދިމާވާ އަޑިގަނޑުތަކުން އަރައިގަންނަން އުނދަގޫ ޒުވާނުންނަށް އަލީއަކީ މިސާލެކެވެ. އެފަދަ ފަރާތްތަކަށް އަލީގެ ނަސޭހަތަކީ ހިތްވަރާ އެކު ކެރިގެން ކުރިމަތި ލައި ގަދަ އަޅައި މަސައްކަތް ކުރާށެވެ.