ލޮލުގައި ކޮންޓެކްޓް ލެންސް ބޭނުން ކުރާ މީހުން ސަމާލުކަންދޭން ޖެހޭ ހާއްސަ ކަންތައްތަކެއް ހުރެ އެވެ. މިކަންކަމަށް ފަރުވާކުޑަ ކުރެވިއްޖެ ނަމަ ލޮލުގެ ފެނުމަށް އަސަރުކޮށް އެ މަތިވެރި ނިއުމަތް ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އައިނާ ހިލާފަށް ލެންސަކީ ސީދާ ލޮލަށް ލައްވާ އެއްޗެއް ކަމުން، އަތް ސާފުނުކޮށް ހުރެއްޖެ ނަމަ ޖަރާސީމް ލޮލަށް ވަނުން ގާތެވެ. އެހެންކަމުން ލެންސް ލެއްވުމުގެ ކުރިން، އަދި ލެންސް ނެގުމުގެ ކުރިން، އަބަދުވެސް ރަނގަޅަށް އަތް ދޮވުމަށް ޑޮކްޓަރުން ލަފާދެ އެވެ.

ދެވަނަ ކަމަކަށް ޑޮކްޓަރުން ލަފާދެނީ ލެންސް ސޮލިއުޝަން ގަވާއިދުން ބަދަލު ކުރުމަށެވެ. އެއީ ލެންސް ސޮލިއުޝަނަކީ ޖަރާސީމު ރައްކާ ކުރެވިފައި ހުންނަ އެއްޗެއްކަމަށްވާތީ އެވެ. އަދި ސޮލިއުޝަން ތެރޭގައި ޖަރާސީމު ހުންނަތާ ގިނަ ދުވަސް ވާވަރަކަށް، ޖަރާސީމު އިތުރުވުން އެކަށީގެންވެ އެވެ. އަދި ސޮލިއުޝަން ބަދަލުކުރާ އިރު، ބަދަލުކުރަން ވާނީ ލެންސް ލައިފައި އިންނަ ކޭސް ރަނގަޅަށް ސާފު ކުރުމަށް ފަހުގަ އެވެ.

ޑޮކްޓަރުން ބުނާ ގޮތުން، ލެންސާއެކު ނިދުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. އެގޮތުން، ލެންސާއެކު ނިދާނަމަ، ލެންސް މާ ބޮޑަށް ހިކި، ލެންސް ނަގާ އިރު ލޮލަށް ގެއްލުންވުން އެކަށީގެންވެ އެވެ.

އޭގެ އިތުރުން މާ ގިނަ އިރު ލެންސް ލައްވައިގެން ނޫޅުމަށްވެސް ޑޮކްޓަރުން ލަފާދެ އެވެ. އަދި ލެންސް ލައްވައިގެން ހުންނަ އިރު، ލޮލަށް އުނދާގޫވެ، ލޯ ކަހަން ބޭނުންވާ ކަމަށްވާނަމަ ލެންސް ނެގުމަށްވެސް ލަފާދެ އެވެ.

ލެންސަކީ އާންމުކޮށް ކޮންމެ މަހަކު ނުވަތަ ކޮންމެ ދެ ހަފުތާއަކުން ބަދަލުކުރަން ޖެހޭ އެއްޗެކެވެ. ނަމަވެސް، ބައެއް މީހުން އެ މުއްދަތު ފަހަނައަޅާ ދާއިރުވެސް ލެންސް އަޅައިގެން އުޅެ އެވެ. ޑޮކްޓަރުން ބުނާ ގޮތުން، މިއީ ލޮލުގައި އިންފެކްޝަން އުފެދުމަށް ދިމާވާ ބޮޑު އެއް ސަބަބެވެ.