ދޯހާ (21 ނޮވެމްބަރު) – މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ޖެހި ދެ ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އޭގައި މިރޭ ސެނެގާލް އަތުން 2-0 އިން މޮޅުވެ، ނެދަލޭންޑްސް ފެށުން ރަނގަޅުކޮށްފި އެވެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ވާދަވެރި މެޗުގެ 86 ވަނަ މިނިޓުގައި ނެދަލޭންޑްސް އިން ލީޑު ހޯދީ ޕީއެސްވީގެ ޒުވާން ފޯވަޑް ކޯޑީ ގަކްޕޯ ޖެހި ލަނޑުންނެވެ. ނެދަލޭންޑްސްގެ ފްރޭންކީ ޑެޔޮންގް ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅައަށް ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އެރި ނަމަވެސް، މެންޑީ އަށް ބޯޅައިގައި ޖައްސާލުމުގެ ކުރިން ގަކްޕޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ނެދަލޭންޑްސްގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޑޭވީ ކްލާސަން އެވެ. ނެދަލޭންޑްސްގެ މެމްފިސް ޑީޕާއީ ތިރިތިރިން ފޮނުވާލި ޝޮޓް މެންޑީ ދިފާއުކުރި ނަމަވެސް، ރީބައުންސްގައި ނިކުތް ބޯޅަ ކްލާސަން ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ.
މުޅި މެޗުގައި ވެސް ނެދަލޭންޑްސްގެ ޑިފެންސް އަށް ނުރައްކާކުރި ސެނަގާލްގެ މިޑްފީލްޑަރު ޕާޕާ ގެޔޭ ވަނީ ނެދަލޭންޑްސް 1-0ގެ ލީޑެއްގައި އޮތްއިރު ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. އެކަމަކު ނެދަލޭންޑްސްގެ ގޯލުގައި ހުރި ކީޕަރު އަންޑްރިއެސް ނޯޕާޓް ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.
މި މެޗުން މޮޅުވެ، ނެދަލޭންޑްސް އޮތީ ތިން ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ގަތަރު އަތުން މޮޅުވި އިކުއެޑޯ އެވެ.