ދޯހާ (ނޮވެމްބަރު 22) - ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ލިއޮނެލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ފުޓުބޯޅައިގެ ގިނަ ތަރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ އާޖެންޓީ، ފަހަތުން އަރައި 2-1 އިން ބަލިކޮށް މުބާރާތުގެ ބޮޑު ހައިރާން ކަމެއް ސައުދީން މިއަދު ގެނެސްފި އެވެ.

މި ނަތީޖާއާ އެކު ވަނީ މި މެޗާ ހަމައަށް އާޖެންޓީނާ އިން ބަލިނުވެ ދަމަހައްޓަމުން އައި 36 މެޗުގެ ސިލްސިލާ އަށް ނިމުން ގެނެސްފަ އެވެ. މިހާތަނަށް ބަލި ނުވެ އެންމެ ގިނަ މެޗު ކުޅުނު އިޓަލީގެ ރެކޯޑަކީ 37 މެޗެވެ. ވޯލްޑް ކަޕެއްގައި މިހާތަނަށް ހަތަރު މެޗުން މޮޅުވެފައިވާ ސައުދީން ވަނީ ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި އިޓަލީއާ އެއްވަރުކުރަން ލިބުނު ފުރުސަތު ގެއްލުވާލައިފަ އެވެ.

ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ގަދަ 50 ގެ ތެރޭގައި ވެސް ނުހިމެނޭ ސައުދީން، ގަތަރު ވޯލްޑް ކަޕް ހޯދާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ މައްޗަށް ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކުރެވެނީ ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ، ސިހުން ގެނުވި ނަތީޖާއަކަށެވެ.

އާޖެންޓީނާއާ ދެކޮޅަށް ދެވަނަ ލަނޑުޖެހުމަށްފަހު ސައުދީގެ ކެޕްޓަން އުފާ ފާޅުކުރަނީ.

މެސީގެ ޕެނަލްޓީއަކުން ފުރަތަމަ ހާފުގައި، 10 ވަނަ މިނިޓުގައި، އާޖެންޓީނާ 1-0 އިން ކުރި ހޯދި ނަމަވެސް ދެވަނަ ހާފު ފަށައިގެން އަށް މިނިޓްތެރޭ ސައުދީން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 28 ވަނަ މިނިޓުގައި އާޖެންޓީނާ އަށް ލީޑު ފުޅާކުރުމަށް ލާއުޓާރޯ މާޓިނޭޓް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މި ހާފުގައި އާޖެންޓީނާ އިން ޖެހި އިތުރު ދެ ލަނޑު ވެސް ވީއޭއާރު ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

އާޖެންޓީނާ ބަލިކުރުމަށްފަހު ސައުދީ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ.

ގްރޫޕް ސީގައި ކުޅުނު މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު 49 ވަނަ މިނިޓުގައި ސައުދީގެ ސޯލިހު އަލް ޝަހުރީ ޖެހުމާ އެކު ގިނަ އަދަދެއްގެ ސައުދީ ސަޕޯޓަރުން ތިބި ސްޓޭޑިއަމް ގުގުމައިގެން ދިޔަ އެވެ. އަދި 53 ވަނަ މިނިޓުގައި ސައުދީގެ ކެޕްޓަން ސާލިމް އަލް ދޯސަރީ ޖަހައިދިން ހިތްގައިމު ލަނޑާ އެކު ސައުދީން ވަނީ ބޮޑު ހައިރާން ކަމެއް ގެނުވައިފަ އެވެ. ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅުނު 14 ވަރަކަށް މިނިޓާ ހަމައަށް ނަތީޖާ އަށް ބަދަލެއް އަޔަ ނުދީ ހިފަހައްޓައިދިން މުހިންމު އެއް ކުޅުންތެރިއަކީ ސައުދީގެ ކީޕަރު މުހައްމަދު ޚަލީލް އަލް ގުވައިސް އެވެ. މެޗުގައި ސައުދީގެ ދިފާއު ވެސް ފެނުނީ ވަރުގަދަ ތަނބުތަކެއްގެ ގޮތުގަ އެވެ.