އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމަށް އެންމެ ފުރިހަމައަށް ތައްޔާރަށް ހުރި ކަމަށާއި އަދި މިއީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބިގެންދާނެ އެންމެ ފަހު ފުރުސަތު ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ވޯލްޑް ކަޕްގައި މިއަދު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މެސީ ބުނީ މިފަހަރުގެ ވޯލްޑް ކަޕް އޭނާ އަށް ހާއްސަ ކަމަށާއި މިއީ ފަހަރުގައި އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިއީ ހާއްސަ ވަގުތުކޮޅެއްކަން އެނގިހުރެ، މިއީ ފަހަރެއްގައި އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕް، އަހަރެންގެ މި ބޮޑު ހުވަފެން ހާސިލް ކުރުމުގެ އެންމެ ފަހު ފުރުސަތު ކަމަށްވާތީ،" މެސީ ބުންޏެވެ.
ވޯލްޑް ކަޕާއި އާޖެންޓީނާ އިން ކުރިމަތިލާއިރު މެސީ މިވަގުތު ހުރީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން ޕީއެސްޖީގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ ވަނީ އެޓީމަށް މި ސީޒަނުގައި ކުޅެދިން 19 މެޗުގައި 12 ގޯލް ކާމިޔާބުކޮށްދީފަ އެވެ.
މެސީ ބުނީ މި މުބާރާތާއި ދިމާކޮށް ވަކި ހާއްސަ ކަމެއް ނުކުރާ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ވެސް ކެރިއަރުގައި މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައި ގޮތަށް ކަމަށެވެ.
އާޖެންޓީނާ އަކީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ބަލާ ޓީމެއް ކަމަށްވާއިރު މެސީ ބުނީ ޓީމު އޮތީ ތައްޔާރަށް ކަމަށާއި ވޯލްޑް ކަޕްގައި ކުޅޭ ކޮންމެ ފަހަރަކީ ވެސް ހާއްސަ ފަހަރެއް ކަމަށެވެ. އަދި މިފަހަރުގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ ކުޅުންތެރިން ކަމަށްވާއިރު ރަނގަޅު ފޯމެއްގައި އޮވެ މުބާރާތާއި ކުރިމަތިލެވޭތީ ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
އާޖެންޓީނާ އާއި ސައުދީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 3 ޖަހާ އިރު އެވެ.
މެސީ ،35، އެންމެ ފުރަތަމަ ކުޅުނީ 2006 ގެ ވޯލްޑް ކަޕްގަ އެވެ. އޭގެފަހުން އާޖެންޓީނާއާއެކު ކޮންމެ ވޯލްޑް ކަޕެއްގައި މެސީ ކުޅެފައިވާއިރު 2014 ވަނަ އަހަރު އެޓީމު ފައިނަލަށް ވެސް ދަތުރުކޮށްފައިވެ އެވެ. ނަމަވެސް ފައިނަލްގައި 1-0 އިން އާޖެންޓީނާ ވަނީ ޖަރުމަނު އަތުން ބަލިވެފަ އެވެ.