ކުއަލަ ލަމްޕޫރު (22 ނޮވެމްބަރު) - އެއްބައވަންތަ ސަރުކާރެއް ގާއިމުކުރަން މެލޭޝިއާގެ ރަސްގެފާނު ދެއްވި ދައުވަތަށް މައި އިދިކޮޅު ޕާޓީ ޕަކަޓަން ނެސަނަލް (ޕީއެން)ގެ ޗީފް މުހްޔިއްދީން ޔާސިން ދެކޮޅު ހައްދަވައިފި އެވެ.

ރަސްގެފާނުގެ ހުށައެޅުއްވުމަށް ޕީއެންއިން ދެކޮޅު ހެދި ނަމަވެސް އިދިކޮޅު އެެހެން ޕާޓީއެއް ކަމަށްވާ ޕީއެޗްގެ ލީޑަރު އަންވަރު އިބްރާހީމް ވަނީ އެ ހުށައެޅުން ގަބޫލު ކުރައްވާފަ އެވެ.

ރަސްގެފާން ޝާހްގެ ދައުވަތަށް މުހްޔިއްދީން ދެކޮޅު ހަދާފައިވަނީ އަމިއްލަފުޅަށް ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގަންނަވަން ބޭނުންވާ ތަރުހީބު އެބައޮތް ކަމަށް ވިދާޅުވެ އެވެ.

މުހްޔިއްދީން ވިދާޅުވީ ކޯލިޝަންއަކާ ނުލާވެސް އޭނާގެ ޕާޓީއަށް ކާމިޔާބު ލިބެން ބޭނުންވާ ތަރުހީބު އާއްމުންގެ ފަރާތުން އޭނާ އަށާއި އޭނާގެ ޕާޓީއަށް އެބައޮތް ކަމަށެވެ.

މިދިޔަ ހަފްތާގައި ބޭއްވި އާއްމު އިންތިހާބުން އެންމެ މަތިން ވޯޓު ހޯދީ މި ދެ ޕާޓީއިން ނަމަވެސް އެއްވެސް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބޭ ވަރަށް ވޯޓު ލިބިފައެއް ނުވެ އެވެ.

ރަސްގެފާނާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު އަންވަރު ވިދާޅުވެފައިވަނީ ރަދުންގެ ތަސައްވަރު ހުރީ ނަސްލީ ތަފާތު ކުރުންތަކާއި ސިޔާސީ ޚޔާލު ތަފާތުވުންތައް އެކަހެރިކޮށް ސަރުކާރެއް ގާއިމު ކުރަން ކަމަށެވެ. -- ދަ ސްޓްރެއިޓް ޓައިމްސް