ހަމުގެ ކުލަ އަލިކުރާ ކަމަށް ބުނެ ބާޒާރުގައި ވިއްކަން ހުންނަ ކޮސްމެޓިކް އުފެއްދުންތަކަކީ ދިވެހި ޒުވާނުންގެ މެދުގައި ވެސް މަގުބޫލު އުފެއްދުންތަކެކެވެ. އެހެން ނަމަވެސް މި އުފެއްދުންތައް ބޭނުން ކުރާއިރު އޭގެ ހަގީގަތް އެނގޭ ހެއްޔެވެ؟

"ދަ ޒީރޯ މާކިއުރީ ވޯކިން ގްރޫޕް" ނަމަކަށް ކިޔާ ޖަމުއިއްޔާއަކުން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ ރައްކާތެރި މިންވަރަށްވުރެ އިތުރަށް މާކިއުރީ އެކުލެވިގެންވާ އުފެއްދުންތަކެވެ.

މާކިއުރީއަކީ ހަށިގަނޑުގައި "މެލަނިން" އުފައްދައިދޭ މިންވަރު މަދުކޮށްދީ ހަންގަނޑު އަލިކޮށްދޭ މާއްދާއެއް ނަމަވެސް އެއީ އިންސާނުންގެ ހަށިގަނޑަށް ނުރައްކާތެރި ވިހަ އެކެވެ.

މާކިއުރީ އެކުލެވޭ އުފެއްދުންތައް އާންމުކޮށް ބޭނުންކުރުމުން ދިފާއީ ނިޒާމު ބަލިކަށިވެ ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކަށް މަގުފަހިވެ އެވެ.

ދިގު މުއްދަތަކަށް މާކިއުރީ ބޭނުންކުރުމުން ލޮލުގެ މައްސަލަތަކުގެ އިތުރުން ކިޑްނީ އަދި ނާރުތަކުގެ މައްސަލަތައް ވެސް ކުރިމަތިވުން އެކަށީގެންވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މީގެ އިތުރުން މާކިއުރީ ގިނައިން އެކުލެވޭ އުފެއްދުންތައް ބޭނުންކުރާ މީހުންނާއެކު ދިރިއުޅޭ މީހުންނަށް ވެސް މާކިއުރީގެ ނޭދެވޭ އަސަރު ކުރާ ކަމަށް ދިރާސާތަކުން ހޯދިފައިވެ އެވެ.

އެހެން ކަމުން ރީތި ވުމުގެ ނަމުގައި ބޭނުން ކުރެވޭ އުފެއްދުންތަކާ މެދު ސަމާލުވެ ތިބުން މުހިއްމެވެ.