ދޯހާ (23 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގައި މިއަދު ފަހަތުން އަރައި ޖަރުމަން އަތުން 2-1 އިން މޮޅުވެ ޖަޕާނުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ވޯލްޑް ކަޕްގައި އިއްޔެ ސައުދީ އަރަބިއްޔާ އިން ފަހަތުން އަރައި އާޖެންޓީނާ 2-1 އިން ބަލިކޮށް ދުނިޔެ ސިއްސުވާލިއިރު، މިއަދު ޖަޕާނުން މި ހޯދި މޮޅަކީ އަނެއްކާ ވެސް އޭޝިއާ އަށް ލިބުނު ބޮޑު ކާމިޔާބެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖަރުމަނަށް ލީޑު ހޯދައިދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާންއެވެ. މެޗު ބޮޑުބައިގައި ގިނައިރު ބޯޅަ ގެންގުޅެ، ޗާންސްތަކެއް އުފެއްދި ނަމަވެސް، ޖަރުމަނަށް އެ ޗާންސްތަކުގެ ބޭނުމެއް ނުކުރެވުނެވެ. ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އެ ޓީމަށް ކުރިމަތިވީ މެޗުގެ ފަހު 15 މިނިޓުގަ އެވެ.
މެޗުގެ 75 ވަނަ މިނިޓުގައި ޖަޕާނުން މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރިސްޓޫ ޑޮއާން ޖެހި ލަނޑުންނެވެ. އަދި މެޗުގެ އޭގެ 8 މިނިޓު ފަހުން ޖަޕާނުން ލީޑު ހޯދީ ޓަކޫމާ އަސާނޯ ޖެހި ލަނޑުންނެވެ.
މި މެޗުގައި ޖަޕާނަށް ލަނޑު ޖަހައިދިން ޑޮއާން އަދި އަސާނޯ އަކީ ޖަރުމަން ބުންޑަސްލީގާގާއި ކުޅޭ ދެ ކުޅުންތެރިންނެވެ.
"ޓީމެއްގެ ގޮތުގައި ކުޅުމުގެ ނަތީޖާ މިއީ،" މެޗަށް ފަހު ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުންޏެވެ. "މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، އަހަރަމެން ހިތްވަރުކުރީމަ މި ނަތީޖާ މި ނުކުތީ."
ޖަރުމަންގެ ގުންޑޮގާން ބުނީ އެ ޓީމުން ޖަޕާނަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް މާ ފަސޭހަ ފުރުސަތުތަކެއް ދިނީ ކަމަސެވެ.
ގުރޫޕް އީގައި މި ދެ ޓީމާއެކު ދެން އޮތީ ސްޕެއިން އާއި ކޮސްޓަ ރީކާ އެވެ.