މައިންބަފައިންނަކީ ދަރިންނަށް ކިހާ މުހިއްމު ބައެއް ކަން އެންމެނަށް ވެސް އެނގެ އެވެ. ނަމަވެސް މި ފަހަކަށް އައިސް މަންމައިންނާއި ބައްޕައިން އެމީހުން ކޮންމެހެން ކުރަން ޖެހޭ ކަންތައް ކުރުމުން ތައުރީފު އޮހޭ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ. ހާއްސަކޮށް ބައްޕައިންނަށެވެ.

ސުވާލަކީ، ބައްޕައިން އެ މީހުންގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަކީ ހަގީގަތުގައި ވެސް ތައުރީފު ހައްގުވާ ކަމެއް ތޯ އެވެ؟

ބައެއް ފަހަރު އަންހެނުން ބަނޑުބޮޑުވުމުން ފިރިން އެ މީހުންނާއެކު ވަގުތު ހޭދަކުރުމާއި ބައްޕައިން ދަރިންނާއެކު ވަގުތު ހޭދަކުރުމުން އެމީހުންނަށް އަތްޖަހާ، ތައުރީފުކުރާކަން ފާހަގަވޭދޯ އެވެ؟ އެކަކަމު ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ ބައްޕައިން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އަދި އަންހެނުން ބަނޑުބޮޑުވުމުން އަންހެނުންނާއެކު ވަގުތު ހޭދަކުރުމަކީ ފިރިންގެ ޒިންމާއެކެވެ. މިފަދަ ކުދި ކުދި ކަންތަކާ ތައުރީފު ކުރަންޏާ އަބަދުވެސް އޮންނާނީ ކުރާހާ ވެފަ އެވެ.

މި ދުނިޔެ މިއަށް ވުރެ "ޓޮކްސިކް" ތަނަކަށް ވާނެ އެވެ. މި ބުނާ ވާހަކައިގެ މާނަ އޮޅުވާނުލާށެވެ. ބައްޕައިން ދަރިންނާއެކުގައި ވަގުތު ހޭދަކުރުމަކީ ރަނގަޅު ކަމެކެވެ، ހަމަ އެއާއެކު އެއީ އެމީހުން ކޮންމެހެން ކުރަންޖެހޭ ކަމެއް ވެސް މެ އެވެ.

ގިނަ ފަހަރު އަންހެނުން ވަޒީފާއަށް ދާން ފެށުމުން ދަރިންނަށް ވަގުތު ނުދޭ ކަމުގެ ޝަކުވާ އާދެ އެވެ. އެހެން ނަމަވެސް ފިރިހެނުން ގޭގައި ތިބެގެން ދަރިންގެ ކަންތައް ބަލަން ޖެހުމުން މި މުޖުތަމައު ދެކެނީ އެއީ އޭނާ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދިވެސް ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ދަރިން ބަލާ ބޮޑު ކުރުމަކީ ހަމައެކަނި މަންމައަށް އޮންނަ މަސައްކަތެއް ކަމަށެވެ.

މަންމައިން މިހާރުވެސް ކުރާ އެތައް ކަމެއް ބައްޕައިން ކުރުމުން އެމީހުންގެ ރަނގަޅު ވާހަކަ އޮންލައިން އެކި މަންސަތަކުން ފެނެ އެވެ.

އަބަދު ދަރިންނަށް ނާސްތާ ތައްޔާރުކޮށް، ބޮލުގައި ފުނާ އެޅުވުން ފަދަ ކަންތައް ކުރަން ޖެހެނީ މަންމަކަމަށް އަހަރެމެންނަށް ހީވެފައި އޮންނަނީ ކީއްވެގެން ހެއްޔެވެ؟ އެކަންތަކަކީ ބައްޕައިންނަށް ވެސް ނުވާވަރުގެ ކަންތަކެއް ނޫނެވެ.

މަންމައިން އެ ކަންތައް ކުރުމުން އަހަރެމެންގެ ހިތައް އެއްވެސް އެއްޗެއް ނާރާއިރު، ބައްޕައަކު އެކަންތައް ކުރުމުން އަހަރެމެންގެ ހިތުގައި ހަމްދަރުދީ އުފެދި ތައުރީފު ކުރަންވީ ވަކި ކީއްވެގެން ހެއްޔެވެ؟

ބެލެނިވެރިކަމަކީ ހަމައެކަނި މަންމަ ނުވަތަ ބައްޕަ އަދާކުރަން ޖެހޭ "ޓާސްކު"ތަކުގެ މައްޗަށް ބިނާވެގެންވާ ކަމެއް ނޫނެވެ.

ތައުރީފު ކުރަންޏާ ކުރަންވީ ދަރިންގެ ކަންތަކުގައި މަސްއޫލުވެ، ދަރިންނާއި އަންހެނުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން ގަދައަޅާ މަސައްކަތް ކުރާ ފިރިންނަށެވެ.

ޕޭރެންޓް-ޓީޗާ މީޓިންއަކަށް ދިއުމުން ނުވަތަ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިއުމަކީ އަދި ބައްޕައިންނަށް ތައުރީފުކޮށްފައި ވާހަކަ ދައްކަންވީ ވަރުގެ ކަމެއް ނޫނެވެ. އެއީ ރަނގަޅު ބައްޕައަކު ކޮންމެ ގޮތެއް ވިޔަސް އަދާކުރާނެ މަސްއޫލިއްޔަތު ތަކެވެ.

ދަރިންނާއި އެކުގައި ވަގުތު ހޭދަކުރާ ބައްޕައިންނައި މެދު ދަށް ކޮށް ދެކި، އެމީހުން އެއީ "ބޭބީ -ސިޓް" ކުރުން ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހެ އެވެ. އެމީހުން އެއީ "ބޭބީ-ސިޓް" ކުރަނީ އެއް ނޫނެވެ. އެއީ ދަރިން ބަލާ ބޮޑުކުރުމެވެ. އެއީ އެމީހުން ކުރަންޖެހޭ ކަންތަކެވެ. މަންމައިންނާ އެއްވަރަށް ދަރިންގެ ކަންތަކުގައި ބައްޕަވެސް ޝާމިލުވާން ޖެހެ އެވެ.