ކުއަލަ ލަމްޕޫރު (24 ނޮވެމްބަރު) - މެލޭޝިއާގެ އާ ބޮޑުވަޒީރަކަށް އެ ގައުމުގެ ޕަކަޓަން ހަރަޕަން ޕާޓީގެ ޗެއާމަން އަންވަރު އިބްރާހިމް ހަމަޖައްސައިފި އެވެ.

މެލޭޝިއާގެ ރަސްގެފާނު މި ނިންމުން ނިންމަވާފައިވަނީ ސަރުކާރުގެ ބައެއް އިސް ލީޑަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ.

މިއާއެކު އަންވަރު ވެފައި ވަނީ މެލޭޝިއާގެ ތާރީހުގައި ހުވާ ކުރައްވާނެ 10 ވަނަ ބޮޑުވަޒީރަށެވެ. މި ނިންމުމަކީ މެލޭޝިއާގެ ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެއްބައިވަންތަ ސަރުކާރެއް ގާއިމުކުރަން އެއްބަސްވި ފަހުން ނިންމި ނިންމުމެކެވެ.

ގިނަ ޕާޓީތަކުން އެއްބައިވަންތަ ސަރުކާރަށް އެއްބަސްވި ނަމަވެސް ކުރީގެ ބޮޑުވަޒީރު މުހްޔިއުދީން ޔާސިން ވަނީ ރަދުންގެ އެ ހުށައެޅުމަށް ދެކޮޅު ހައްދަވައިފަ އެވެ.

އަންވަރަކީ މީގެ ކުރިން ވެސް މެލޭޝިއާގެ ބޮޑު ވަޒީރުގެ ނާއިބުކަން ފުރުއްވާފައި ބޭފުޅެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު މަގާމުގެ ނުފޫޒު ބޭނުންކޮށް ނަހަމަ ފައިދާ ހޯދި ކަމުގެ ތުހުމަތުގައި އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މި ތުހުމަތުތަކާ އެކު އަންވަރު ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާގައި ޖަލު ހުކުމެއް ވެސް ތަންފީޒު ކޮށްފަ އެވެ. އެހެން ކަމުން މި ކާމިޔާބަކީ އޭނާއަށް 20 އަހަރު ފަހުން ލިބުނު ބޮޑު ކާމިޔާބީ އެކެވެ.