ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލް ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ވަރަށް ސިއްރު ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރުމަށްފަހު ވިކީ އާއި ކެޓްރީނާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު އަންނަނީ ލިބެމުންނެވެ. އެހެންނަމަވެސް މިދެ ފަންނާނުން އެކުގައި އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ އިޝްތިހާރަކުންނެވެ.

ކައިވެންޏަށް ފަހު ވިކީގެ ފުރަތަމަ ފިލްމު ރިލީޒް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. "ގޯވިންދާ ނާމް މޭރާ" ގައި ވިކީ ފެންނަނީ ކޮރިއޮގްރާފަރެއްގެ ރޯލުންނެވެ.

މި ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ވިކީ ބުނީ އޭނާ އެންމެ ބޭނުން ވަނީ ކެޓްރީނާގެ ލަވައެއް ކޮރިއޮގްރާފް ކުރުމަށެވެ.

"ކެޓްރީނާ ވަރަށް މޮޅަށް ނަށާ، އެކަމަކު އަހަންނަށް ހީވަނީ އަދި އިތުރަށް ފުރިހަމަ ކޮށްލެވޭނެހެން. އަނެއްކާ އަހަރެން މިހެން ބުނީމާ ގެއިން ކާއެއްޗެއް ވެސް ނުލިބިދާނެ،" ވިކީ ބުންޏެވެ.

ކައިވެންޏަށް ފަހު ދިރިއުޅުމަށް ބަދަލުތަކެއް އައި ކަމަށާއި އެއީ ހެޔޮ ބަދަލުތަކެއް ކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން ދިރިއުޅުން މިހާރު ހަމަޖެހިއްޖެ ކަމަށާއި އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު އުޅެވޭ ކަމަށް ވިކީ ބުންޏެވެ.