ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސައުދީ އަރަބިއްޔާގައި ދާއިމީ ހެޑްކުއާޓަރު ގާއިމުކޮށް، އެ ގައުމުން އިސްނަގައިގެން އިތުރު 13 ގައުމަކާއެކު މިދިޔަ މަހު އުފެއްދި މި އިއްތިހާދުގެ މައިގަނޑު އަމާޒަކީ ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި "ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" މުއާހަދާ ތަސްދީގުކުރުމުގެ ރުހުން ހޯދުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫސީންގެ ޖަމާއަތުން ސައުދީއާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އުޅަނދުފަހަރަށް ހަމަލާދޭން ފެށުމާ ގުޅިގެން އުފެއްދި މި އިއްތިހާދުގައި ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، މިސްރު، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކޮށްގެން ކުރިއަށްދާ މި ކޯލިޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށް ބައިވެރިވާ ގައުމުތަކުން ވަނީ ހާމަކޮށްފަ އެވެ.