ދޯހާ (28 ސެޕްޓެމްބަރު) – ވޯލްޑް ކަޕްގެ ގުރޫޕް އީގައި ރޭ ސްޕެއިން އާއި ޖަރުމަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ގުރޫޕް އީގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް، ސްޕެއިން އިން ލީޑު ނެގީ މެޗުގެ 62 ވަނަ މިނިޓުގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑުންނެވެ.

އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށްވެފައި ވަނިކޮށް، ޖަރުމަންގެ ނިކްލަސް ފުލްކްރޫގް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗު ނިމެން ގާތްވެފައި ވަނިކޮށް، ޖަރުމަން ލީރޯއީ ސާނޭ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އޭނާ އަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ގުރޫޕް އީގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި ސްޕެއިން އޮތްއިރު، ޖަޕާނާއި ކޮސްޓަ ރީކާ އޮތީ ތިން ޕޮއިންޓާއެކު އެވެ. ތާވަލްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ޖަރުމަނެވެ.

ޖަރުމަނަށް ރޭގެ މެޗުން ބަލިވި ނަމަ، އެ ޓީމުން ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކަޓާނެ އެވެ. އެކަމަކު ރޭގެ މެޗުގައި ލިބުނު ޕޮއިންޓާއެކު، އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަހު މެޗުގައި ކޮސްޓަ ރީކާއާ ކުރިމަތިލާއިރު، ދެވަނަ ބުރުގެ ފުރުސަތު އޮތުމެވެ.