ބެއިޖިން (28 ނޮވެމްބަރު) - ޗައިނާގައި ފާއިތުވެ ދިޔަ ދެ އަހަރު ދުވަހު އޮތް ކޮވިޑް 19ގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ކުރިއަތް އޮތްތަނުގައި ވެސް ދަމަހައްޓާނެ ކަމުގެ އިޝާރާތެއް އެގައުމުގެ ސަރުކާރުން ދީފި އެވެ.

އާދީއްތަ ދުވަހުގެ ނޫސްތަކުގައި ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއިން ވަނީ ގޮންޖެހުންތަކާއެކު ވެސް ޒީރޯ ޓޮލަރެންސް ޕޮލިސީއަށް ކާމިޔާބު ލިބޭނެ ކަމަށް ބުނެފަ އެވެ.

ސަރުކާރު ތަމްސީލުކުރާ ޕާޓީއިން މިހެެން ބުނެފައި މިވަނީ ޗައިނާގެ ސަރުކާރުން ކޮވިޑް 19އާ ގުޅިގެން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ދެކޮޅު ހަދައި އެގައުމުގެ ރައްޔިތުން މުޒާހަރާ ކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.

ކޮމިއުނިސްޓް ޕާޓީއިން އިތުރަށް ބުނީ ކަންކަމާ މެދު މީހުންގެ ފިކުރު ބަދަލުކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތަކީ ރައްޔިތުންގެ ފައިދާއަކަށް ސަރުކާރުން ތަންފީޒްކުރާ ސިޔާސަތެއް ކަމަށެވެ.

މިކަމާ ގުޅިގެން ޏައިނާގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ރައީސް ޝީ ޖިންޕިންގެ އިސްތިއުފާއަށް ގޮވައި ގިނަ ބަޔަކު އަޑު އުފުލާފައިވެ އެވެ.

ޗައިނާގެ ޒީރޯ ޓޮލަރެންސް ކޮވިޑް ސިޔާސަތުގެ ދަށުން ސަރަހައްދެއްގައި ކޮވިޑް ކޭސްތައް އުޅޭނަމަ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަަޅަ އެވެ.

މި ހަރުކަށި ފިޔަަވަޅުތަކުގެ ސަބަބުން މިދިޔަ ހަފުތާގައި ޗައިނާގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ނުކުރެވި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.

ޗައިނާގައި މިފަހުން ފެންނަ ކޮވިޑް 19ގެ ކޭސްތައް ވަނީ މީގެ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ތަން އިތުރުވެފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް