ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭކަމަށާއި، ފަލަސްޠީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެ ފަލަސްޠީނާއެކު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްއަށް ފޮނުއްވި މެސެޖުގަ އެވެ.

ރައީސް ސޯލިހުގެ މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްޠީނުގެ ރައްޔިތުންނާ، ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިހްތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ހަމަ އެއާއެކު ރައީސް ސޯލިހުގެ މެސެޖުގައި، ފަލަސްޠީނުގެ މައްސަލައިގައި ސުލުހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ދެދައުލަތުގެ ދެމެދު އޮންނަން ޖެހޭނެ ހައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލެއްކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި އެމަނިކުފާނު ވަނީ، މިކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ މި އިންތިޒާމާއި ޚިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ގާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ރައީސްގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހާލަތާއި ހައްގުތަކަކީ ބައިނަލްއަޤްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ މިކަމުގެ އަލީގައި، މިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމާއި، ޙިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ފާހަގަކުރައްވާފަ އެވެ.