ކުއަލަ ލަމްޕޫރު (30 ނޮވެމްބަރު) - މެލޭޝިއާގެ އަލަށް އައްޔަން ކުރެވުނު ބޮޑުވަޒީރު އަންވަރު އިބްރާހިމްއަކީ އިޒްރޭލުގެ އެޖެންޓެއް ކުރެވޭ ތުހުމަތުތަކަށް އޭނާ ރައްދު ދީފި އެވެ.

މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ސިވިލް ސާވަންޓުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަންވަރު ވިދާޅުވީ އޭނާއަކީ އެކި ގައުމުތަކަށް މެލޭޝިއާއިން ކަނޑައަޅާފައިވާ އެޖެންޓެއް ކަމަށާއި ބޭނުންވަނީ މަގާމުގެ މަސްއޫލިއްޔަތުތައް ރަނގަޅު ގޮތުގައި އަދާ ކުރަން ކަމަށެވެ.

އަންވަރަކީ އިޒުރޭލުގެ ޕްރޮޕެގެންޑާ ފަތުރާ އެގައުމުގެ އެޖެންޓެއް ކަމަށް މީގެ ކުރިންވެސް އިދިކޮޅު ޕާޓީތަކުން އައީ ބުނަމުންނެވެ. ބޮޑުވަޒީރުކަމާ ހަވާލު ވުމަށްފަހު އެ ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ.

މިފަދަ ތުހުމަތަކާއެކު ޓްވިޓާގައި އާއްމުކުރި ވީޑިއޯއަކާ ގުޅިގެން އަންވަރު ވަނީ ޕެރަކަޓަން ނެޝަނަލް ޕާޓީގެ މަޖިލިސް މެމްބަރު ހަސަން ސާދު އޭނާގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް ބުނެ އެކަން ކުރުމަށް ގޮވާލާފަ އެވެ.

މިކަމާ ގުޅިގެން އަންވަރު ވިދާޅުވީ އެ ޕޯސްޓަކީ އޭނާ ބަދުނާމުކޮށް ކަރާމަތް ކަތިލުމުގެ ނިޔަތުގައި އާއްމު ކޮށްފައިވާ ޕޯސްޓެއް ކަމަށެވެ.

މީގެ އިތުރުން ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އަންވަރުގެ އެއްބައިވަންތަ ސަރުކާރަކީ ސައްހަ ސަރުކާރެއް ނޫން ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ. -- ދަ ސްޓްރެއިޓް ޓައިމްސް