ދަތެއްގައި ރިއްސުމަކީ ވޭން ހުރި ކަމެކެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ އަބަދު ވެސް ދަތްތައް ރީތިކޮށް ބެހެއްޓުމެވެ.

މި ލިޔުމުގައި މި ބަލާލަނީ ދަތުގައި ރިއްސާ ނަމަ ގޭގައި ކޮށްލެވިދާނެ ބައެއް ކަންކަމަށެވެ.

ލޮނުފެން

ފެން ތައްޓެއްގެ ތެރެއަށް ލޮނުކޮޅެއް އަޅައި އަނގަ ދޮންނާށެވެ. އަނގައިގެ ތެރޭގައި ފެން ދައުރުކުރުން ރަނގަޅުވާނެ އެވެ. މިގޮތަށް ތަރާރުކޮށް ހެދުމުން ރިހުން ކުޑަކޮށްދެ އެވެ.

ކަރަންފޫ ފެން

ދަތެއްގައި ރިއްސާ ނަމަ އަނގަޔަށް ކަރަންފުލެއް ލުމަކީ ހައްލަކަށްވާކަން ގިނަ ބަޔަކަށް އެނގޭނެ އެވެ. ހިރުގަނޑުގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ކަރަންފުލުގެ ސަބަބުން ކުޑަކޮށްދޭނެ އެވެ. ދަތެއްގައި ރިއްސާ ނަމަ ކަރަންފޫ ބޭނުންކުރުމުން، ދަތުގެ ރިހުމުގެ ސަބަބުން އަންނަ އައްސިކަން ވެސް ކަނޑުވައިދޭނެ އެވެ.

ލޮނުމެދު

ދަތުގައި ރިއްސާ ނަމަ ލޮނުމެދަކީ ވެސް އަވަސް ހައްލަކަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ލޮނުމެދެއް ޗިސްކޮށްފައި ކުޑަކުޑަ ލޮނުކޮޅާ މިކްސްކޮށް، ރިއްސާ ދިމާލުގައި ހާކާލުމުން ވެސް ލުއިވާން ފަށާނެ އެވެ.

އެލޯ ވެރާ

އެލޯ ވެރާ ޖެލް އަކީ އެތައް ކަމަކަށް ބޭނުން ކުރެވޭ ވަރަށް ފައިދާ ހުރި އެއްޗެކެވެ. ދަތެއްގައި ރިއްސާ ނަމަ އެކަމަށް ވެސް މި ޖެލް ބޭނުން ކުރެވިދާނެ އެވެ. އެލޯ ވެރާ ޖެލް އިން އަނގަތެރެ ސާފުކޮށްލައި ހިރުގަނޑު ވެސް ވަރުގަދަކޮށްލަން ބޭނުންކުރެވިދާނެ އެއްޗެކެވެ.