އަހަރެމެން އާންމު ދިރިއުޅުމުގައި ހެދޭ ބައެއް ގޯސްތަކުން ސިއްހަތަށް ނުރަނގަޅު އަސަރުތައް ކުރެ އެވެ. ގެންގުޅެވޭ ބައެއް އާދަތަކުން އާއްމު ސިއްހަތު ގޯސްވެ އެވެ. އެފަދަ ބައެެއް ކަންކަމަށް ބަލާލާނަމެވެ.

ދަންވަރު ކެއުން

އަރާމު ނިންޖަކުން ނިދާލުމަށް ފަހު ފަތިސް ނުވަނީސް ހޭލާފައި ކެއުމަކީ ވަރަށް ގޯސް އާދައެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ލުއި ގޮތަކަށް ކެއުން ހަމަޖައްސާލާށެވެ. ފެޓް، ލޮނު އަދި ކެލޮރީސް މަދު ކޮށްލާށެވެ. ފަހުން ބަނޑުހައިވެގެން ކާލަން އެންމެ ރަނގަޅު ވާނީ ހަޖަމް ކޮށްލަން ފަސޭހަ، ޓޯސްޓެއް ނުވަތަ ޔޯގަޓެއް ކަހަލަ ލުއި އެއްޗެކެވެ.

ރަނގަޅަށް ދަތް ނުއުނގުޅުން

ރޭގަނޑު ނިދުމުގެ ކުރިން ދަތް ނޫނގުޅާ ނަމަ، ހޭލާއިރު ދަތުގައި ހުންނަ ޖަރާސީމު އިތުރަށް ގިނަވާނެ އެވެ. ދަތް ނޫނގުޅައި މައުތުވޮޝް ބޭނުންކުރާ ނަމަ ވެސް މިފަދަ ކަންކަމުން ރައްކާތެރި ވެވޭނެ އެވެ. ދަތް އުނގުޅުމަށް ފަރުވާކުޑަކުރާ ނަމަ އެހެން ބައެއް ބަލިތަކަށް މަގު ފަހިވެ އެވެ.

ދަންވަރު ހޭލައި އުޅުން

ރޭގަނޑު ނުނިދާ އުޅުމުން ހަށިގަނޑުން އެތައް ހަކަތައެއް ބޭކާރުވެ އެވެ. ރޭގަނޑު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަ ނުކޮށްފި ނަމަ ހަށިގަނޑުގައި އިތުރުވާ ސަރުބީގެ ސަބަބުން ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ.