ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒް އަލީއަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ޝިމާޒަށް މަގުމަތިން ބަޔަކު ހަމަލާދީފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އަދި ހަމަ އެރޭ ވަނީ އެ މައްސަލަ ފުލުހަށް ހުށައަޅާފަ އެވެ.

ފުލުހުން ބުނީ ޝިމާޒަށް ހަމަލާދިން މައްސަލާގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ. ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފަ އެވެ.

މި ހާދިސާގެ ކުރިން ޝިމާޒުގެ ސައިކަލަށް ގެއްލުންދީ، އޭނާގެ އާއިލާއަށް ބަޔަކު އިންޒާރުދީ ބިރުދައްކާ ހަދާފައިވެ އެވެ.

ޝިމާޒްގެ ސައިކަލަށް ގެއްލުންދީ، މަރުގެ އިންޒާރު ދިން އިރު، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އޭސީސީން ޝިމާޒް ހިމެނޭހެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފަ އެވެ.