ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަޑިޔާރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

ޖޭއެސްސީން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހަމަވިއިރު އެމަގާމަގަށް ފަސް ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.

ކުރިމަތިލެއްވި ބޭފުޅުން:

  • ޒީނަތު އަލީ، ދަފްތަރު. ނަންބަރު 2616 މާލެ
  • މުހައްމަދު ޝަނީޒް އަބްދުﷲ، ހަނދުވަރީނާޒް، ގދ. ގައްދޫ
  • މަރްޔަމް ވަހީދު، ބެލޫން، ސ. ފޭދޫ
  • ރުޝްދުﷲ އިބްރާހީމް، ޖަވާހިރުމާގެ، ބ. މާޅޮސް
  • ފައްޔާޒް ޝާތިރު، ހަސަންކާރިގެ، ސ. މީދޫ

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36,000.00 ރުފިޔާ ލިބެ އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15,000.00 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3,300.00 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އިއުލާން ކުރީ އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ.