ވޮޝިންޓަން (05 ޑިސެމްބަރު) - އެމެރިކާގެ ގާނޫނު އަސާސީއިން ބައެއް އުނިކޮށް ބާތިލު ކުރަން ޖެހޭ ކަމަށް އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ބުނުމަށް ރިޔާސީ ގަނޑުވަރު ވަައިޓް ހައުސްއިން ރައްދު ދީފި އެވެ.

މިކަމާ ގުޅޭ ގޮތުން ވައިޓް ހައުސްއިން ބުނެފައިވަނީ ޓްރަމްޕްއަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ބްލެކް ލިސްޓަށް ލާން ވެފައި ހުރި ބޭފުޅެއް ކަމަށާއި އޭނާގެ ބަސްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ޖެހޭ ކަމަށެވެ.

އެމެރިކާގެ ގާނޫނުގެ ބައެއް ބައިތައް ބާތިލު ކުރަން ޖެހޭ ކަމަށް ބުނެ ޓްރަމްޕް ވާހަކަ ދައްކާފައިވަނީ ޓްވިޓާ ބޭނުން ކުރުމުގައި އިތުރު ގަވާއިދުތަކެއް ހަދައި މިދިޔަ ހަފްތާގައި ގާނޫނަށް އިސްލާހު ގެނެވިފައި ވަނިކޮށެވެ.

މިފަހުން ޓްވިޓާގައި ދައުރުވި ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކަކާއެކު ސަރުކާރަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޓްވިޓާ ސެންސާޝިޕް އިސްލާހެއް ހުށައަޅާފަ އެވެ.

ޓްރަމްޕް ވަނީ އެ ލިޔެކިޔުންތަކަކީ 2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ އިންތިހާބުގައި ހިންގި މަކަރާއި ހީލަތް ހާމަވާ ލިޔެކިޔުންތަކެއް ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް އިތުރަށް ބުނީ ބައިޑަންގެ ސަރުކާރުން އަންނަނީ އެ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުމަށްޓަކައި ޓެކްނޮލޮޖީ ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.

ޓްރަމްޕްގެ ފާޑުކިޔުންތައް ބައިޑަންގެ ސަރުކާރަށް އަމާޒުވެފައިވާއިރު އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވާނެކަން އިއުލާން ކޮށްފަ އެވެ. -- އަލް އަރަބިއްޔާ