ނ. ލަންދޫ އާއި ށ. މަރޮށީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.

ލަންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަރޮށީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ވެސް ހުޅުވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ.

ހެލްތު މިނިސްޓްރީން ބުނީ ލަންދޫގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަށް ހަރަދުވީ 4.3 މިލިއަން ރުފިޔާ ކަމަށެވެ.

ލަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވުނު މި ޖާގައާއެކު ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހިންގުން ވަނީ މި އިމާރާތަށް ބަދަލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ 3.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ވަނީ އެރަށުގެ ސިއްހީ މަރުކަޒަށް ޖާގައިގެ ތަނަވަސްކަން ގެނެސްދީފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަރޮށީގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އާބާދީގެ ކުޑަބޮޑު މިނެއް ބެލުމެއް ނެތި ރަށްރަށުގެ ޒަމާންވީ ސިއްހީ މަރުކަޒުތައް މަރާމާތުކުރުމާއި، މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.

މިއަހަރު 60 ރަށެއްގެ ސިއްހީ މަރުކަޒު ޒަމާނީ ފެންވަރަށް ގެނައުމަށް އެކި މަޝްރޫއުތައް ހިންގާފައިވެ އެވެ. އަންނަ އަހަރު 132 ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިމަނާ، އެކަމަށް 551 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފަ އެވެ.