ވޮޝިންޓަން (05 ޑިސެމްބަރު) އެމެރިކާގެ ސަރުކާރުން އެގައުމުގެ ކޮވިޑް ރިލީފް ފަންޑަށް ކަނޑައަޅާފައިވާ މިލިއަނަކަށްވުރެ ގިނަ ޑޮލަރު ހެކަރުންތަކެއް ވަގަށް ނަގާފައިވާ ކަމަށް އެގައުމުގެ ސީކްރެޓް ސާވިސަސްއިން ބުނެފި އެވެ.

އިތުރު މައުލޫމާތު ހާމަކުރަން ސީކްރެޓް ސާސިވަސްއިން ދެކޮޅު ހަދާފައިވާއިރު އެ އިދާރާއިން ވަނީ ދައުލަތުގެ މާލިއްޔަތުން މިލިއަނެއްހާ ޑޮލަރު ވަގަށް ނެގުމުގެ ފަހަތުގައި ޗައިނާގެ ހެކަރުންތަކެއް ވާކަން ކަށަވަރު ކޮށްދީފަ އެވެ.

އެގޮތުން އޭޕީޓީ41 ނަމަކަށް ކިޔާ ހެކަރުންގެ އެ ޖަމާއަތަކީ ގައުމުތަކުގެ މާލިއްޔަތުން ފައިސާ ނެގުން ފަދަ ސައިބާ ކުށްތައް އާއްމުކޮށް ކުރަމުން އަންނަ ޖަމާއަތެކެވެ.

މި ޖަމާއަތަށް ނިސްބަތްވާ ބައެއް ހެކަރުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ފާހަގަ ކުރެވި އަމިއްލަ ކުންފުނިތަކެއްގެ ޖާސޫސު ކުރި ކަމުގެ ތުހުމަތުގައި ވަނީ އަތުލައިގަނެވިފަ އެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ޗައިނާއިން އެގައުމުގެ އިގްތިިސާދު ނެގެހެއްޓުމަށްޓަކައި ބޭނުންކޮށްފައި ވަނީ ރަނގަޅު އުކުޅުތަކެއް ނޫން ކަމަށެވެ.

އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީއިން މި ރިޕޯޓާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ