މިއީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ގަޑިން ގަޑިއަށް ކެއި ނަމަވެޔަ އަބަދު ބަނޑުހައިވެ ކާހިތްވެފައި ހުރެދާނެ އެވެ. ހާއްސަކޮށް ބަނޑު ފުރެންދެން ނުކެއެމުން ނުވަތަ ތައްޔާރީ ކާނާއަށް ދެވި ހިފާފަ ހުރުމުންވެސް މިހެން ދިމާވެ އެވެ.

ގިނަ ތައްޔާރީ ކާނާއަކީ އޭގައި ގިނަ އަދަދަކަށް ތެޔޮ ހިމެނޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ތެޔޮ ގިނަ އެއްޗެހި ބޭނުން ކުރުމުން އަވަހަށް ބަނޑުލައި ފަލަވާގޮތް ދިމާވެ އެވެ. އެހެންކަމުން ކެއުމުގެ ދެގަޑި ދޭތެރޭގައި ބަނޑުހައި ވެއްޖެނެނަމަ މޭވާއެއް ނުވަތަ ތަރުކާރީ ކާށެވެ. ނުވަތަ ކޮންމެވެސް ވައްތަރެއްގެ ނަޓްސް އެއްވެސް ބޭނުން ކުރެވިދާނެ އެވެ.

ކުޑަ ވަގުތުކޮޅެއްގައި ނިދުމަށްފަހު ގިނަ އިރު ހޭލާ އުޅުމުންވެސް އަބަދު ބަނޑުހައިވާ ގޮތް ދިމާވެ އެވެ. މިހެންދިމާވަނީ ނިދި ހަމަނުވުމުގެ ސަބަބުން ހޯމޯންސްއަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އަދި ނިދި ހަމަނުވަނީސް ހޭލެވުމުން މީހާ ލޮޑުވެ ވަރުބަލި ވާގޮތް ވުމުން ބަނޑުހައި ކަން އިހްސާސްކުރެވޭނެ އެވެ.

އެހެން ކަމުން ހީކުރެވިފައި އޮންނަނީ ގިނައިން ކެއުމުން ހަށިގަނޑުގައި ވަރުޖެހޭނެ ކަމަށެވެ. ނަމަވެސް ހޭލާގޮތަށް މާ ގިނައިން ކެއުމުން އިތުރަށް ވަރުބަލިވެ ކަންނެތްވާ ގޮތް ވެއެވެ. އެހެންކަމުން މަދުވެގެން އަށް ގަޑިއިރު ނިދަން އާދަ ކުރާށެވެ.

މަސައްކަތުގައި ބުރަވެ ހާސްވާގޮތް ދިމާވުމުންވެސް ގިނަ ބަޔަކު ހާސްކަން ފިލުވާލުމަށް ގިނައިން ކައި އުޅެ އެވެ. އެގޮތުން މާބޮޑަށް ރުޅި އައުމުން ނުވަތަ ދެރަވުމުން ވެސް ގިނައިން ކެވޭ ގޮތްވެ އެވެ.

ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ވަރުވަލިކަން ނުވަތަ ހާސްކަން ފިލުވާލުމަށް މިއީ އަދި އެންމެ ރަނގަޅު ގޮތެއްނޫނެވެ. ސްޓްރެސް ހޯމޯންސް ހަމައަކަށް އެޅުމަށް ބޭނުންވާނީ ގިނައިން ކެއުމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެވެސް ކުޅިވަރެއް ކުޅެވިދާނެ އެވެ.

ގިނައިން ފެންބުއިމަކީ ވެސް އަވަސް އަވަހަށް ބަނޑުހައި ކަމުން ދުރުކޮށްދޭ ކަމެކެވެ. އަހަރެމެންގެ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް އަށް ތަށި ފެން ބޭނުންވާއިރު މިއީ ސިއްހީގޮތުންވެސް ފައިދާ ހުރި ކަމެކެވެ. ހާއްސަކޮށް ނިދައި ހޭލުމަށްފަހު ގިނައިން ފެންބުއިމަށް އާދަކުރާށެވެ. ބަނޑުހައިވުން ދުރުވާނެ އެވެ.