ކޮންމެ މީހެއްގެ ވެސް އިސްކޮޅާއި އެކަށީގެންވާ ބަރުދަނެއްގައި ހަށިގަނޑު ހިފެހެއްޓުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ. ފަލަވުމަކީ އެކަމުން ތިމާގެ އެކި ކަހަލަ ބަލިތަކަށް ހުށައެޅިގެންދާ ކަމެއް ވެސް މެ އެވެ.

އެގޮތުން އެމެރިކާގެ ކެންސަރު ސޮސައިޓީން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ވޭތުވެ ދިޔަ 40 އަހަރު ތެރޭގައި ފަލަ ވުމުގެ ސަބަބުން ޒުވާނުންނަށް ކެންސަރު ޖެހުން ގިނަ ވެފައިވެ އެވެ. 1995 ން 2014 އާއި ހަަމައަށް ރެކޯޑް ކުރެވިފައިވާ ސިއްހީ ރެކޯޑްތަކުން ކެންސަރު ޖެހުމުގެ ސަބަބެއްގެ ގޮތުގައި ފަލަވުން ފާހަގަ ކުރެވިފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި 12 މީހުންގެ ތެރެއިން ހަ މީހުންނަށް ކެންސަރު ޖެހުމަށް މަގުފަހިވަނީ ބަރުދަން އިތުރު ވުމުންނެވެ. އެގޮތުން 20 އަހަރާއި 30 އަަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް މި ނުރައްކާ ބޮޑެވެ.

ފަލަވުމުގެ ސަބަބުން އުރަމަތީގެ ކެންސަރު، އޯވަރީގެ ކެންސަރު، ލޭގެ ކެންސަރު، ޖެހުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ތައިރޮއިޑް، ބަނޑުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތައް ޖެހުމަށް ވެސް މަގުފަހިވެ އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ޒުވާނުންނަށް ކެންސަރު ޖެހުން އިތުރުވާ ސަބަބެއް ކަމަށް މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.