ހިތުގެ ބައްޔަށް މީހާ ހުށަހެޅުމުގައި އެންމެ ބޮޑު ރޯލެއް ކުޅޭ އެއް ކަންތައްކަމަށްވާ ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބިހުގެ ލޮނދި ނުވަތަ ހުދުބައިން އެހީތެރިވެދޭކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ޗައިނާގެ ޖިލިން ޔުނިވާސިޓީގެ ރިސާރޗް ޓީމަކުން ހެދި ދިރާސާތަކުން ދެއްކި ގޮތުން ބިހުގެ ލޮނދީގައި ހިމެނޭ މާއްދާއެއް ލޭ މައްޗަށް ދިއުމުން ދުރުކޮށްދެ އެވެ.

ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ އެއް ސަބަބު ކަމަށްވާ ލޭ މައްޗަށް ދިޔުން ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ޕެޕްޓައިޑް ނަމަކަށްކިޔާ މިމާއްދާއިން މީހާގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ސައިންސްވެރިން ހާމަކުރެ އެވެ. ޕެޕްޓައިޑަކީ ލޭމައްޗަށްދާ މީހުން ބޭނުންކުރާ ބޭހެއްކަމަށްވާ ކެޕްޓޮޕްރިލް ފަދައިން މަސައްކަތް އެއްޗެކެވެ.

ބިސް ކައްކައިގެން ބޭނުންކުރި ކަމުގައިވީ ނަމަވެސް ލޮނދީގައި އެކުލެވޭ ޕެޕްޓައިޑް ތަކުގެ ބާރު އޭގައި އެކުލެވޭނެކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.

ބިހުގައި ހިމެނޭ ކޮލެސްޓްރޯލް ގިނަވުމުގެ ސަބަބުން ބިހަކީ ސިއްހަތަށް އެހާ ރަނގަޅު ނޫން އެއްޗެއް ކަމަށް ބައެއް ދިރާސާތަކުން ކުރިން ދެއްކި ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުން ބިހަކީ އެއިން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު އެއްޗެކެވެ.