ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އޯގައިނޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެންގޯލާއަށް ރޭ ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯއޭސީޕީއެސް މިހާރަށްވުރެ ދެމެހެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.

މި ސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިން އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ގަބޫލު ކުރައްވައި، އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދެއްވާނެ ކަމަށް ބެލެވެ އެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެޖަމުއިއްޔާގެ އޮބްޒާވަރެއްގެ ހައިސިއްޔަތު ރާއްޖެއަށް ލިބިފައިވެ އެވެ. ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27އިން 28އަށް ބޭއްވި އެޖަމުއިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި އެޖަމުއިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކުން ވަނީ، އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާއިދުކުރައްވާކަން ހާމަކުރައްވާފަ އެވެ.