އެންމެ ބޮޑު ހުވަފެނަކީ ފިލްމެއް ޑައިރެކްޓްކުރުން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ ދެވަނަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ތެރެއިން ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ ބޮލީވުޑް ފިލްމެއް ޑައިރެކްޓްކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

ސްކްރިޕްޓް ލިޔާ މީހަކަށް ނުވާތީ ފިލްމެއް ޑައިރެކްޓް ކުރަން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ރަންބީރު ބުންޏެވެ. އަދި އޭނާގެ ހިޔާލު މީހަކަށް ފާޅުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން އަބަދުވެސް ބޭނުންވީ ފިލްމެއް ޑައިރެކްޓް ކުރަން. އެކަމަކު އަހަރެން މިއީ ލިޔުންތެރިއެއް ނޫން. އެކަމަކު އަހަރެން މި މަސައްކަތް ކުރަނީ، އަދި އެއީ އަހަރެންގެ ދިހަ އަހަރުގެ ޕްލޭންގައި އޮތް ކަމެއް،" އުމުރުން 40 އަހަރުގެ ކާމިޔާބު އެކްޓަރު ރަންބީރު ބުންޏެވެ.

ކުރީގެ ތަރި ރިޝީ ކަޕޫރްގެ ދަރިފުޅު ރަންބީރު އިތުރަށް ބުނީ އޭނާ ޑައިރެކްޓްކުރާ ފިލްމުގައި ލީޑު ރޯލު ކުޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ހޮލީވުޑަށް ދިއުމުގެ އެއްވެސް ވިސްނުމެއް އެބަ އޮތްތޯ އެހުމުން ރަންބީރް ބުނީ އެކަމަށް އެއްވެސް އިރެއްގައި ނޫނެކޭ ނުބުނާނެ ކަމަށެވެ. އެކަމަކު ބޮލީވުޑުން ލިބެމުން އަންނަ ފުރުސަތުތަކާ މެދު ވަރަށް ހިތްހަމަޖެހިގެން ހުރި ކަމަށް ބުންޏެވެ.

ރަންބީރުގެ އަންހެނުން އާލިއާ ބަޓް ދާދި ފަހުން "ހާޓް އޮފް ސްޓޯން" ކިޔާ ހޮލީވުޑްގެ ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އަންނަ އަހަރު އެ ފިލްމު ރިލީޒްކުރާނެ އެވެ.

ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ އަންހެނުންނާ އެކީ އޮގަސްޓްގައި ފެނިގެން ދިޔަ "ބުރައްމަސްތުރާ" އެވެ. އަންނަ އަހަރު އޭނަގެ ދެ ފިލްމެއް ރިލީޒްވާނެ އެވެ. އެއީ އަދި ނަން އިއުލާން ނުކުރާ ޑައިރެކްޓަރު ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީއަކާއި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާ "އެނިމަލް" އެވެ.