ތިމާ އުޅޭ ދިރިއުޅުމުގައި ކަސްރަތު ކުރަންވީ އެތައް ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރު ކަސްރަތު ކުރުން ވަކިން މުހިއްމެވެ. ބަނޑުބޮޑުވުމުގެ ކުރިން ކަސްރަތު ނުކުރި ނަމަވެސް، އެކަން ކަށަވަރުވާ ހިސާބުން ވިހެއުމުގައި ދިމާވާ އުނދަގޫތަކަށް ލުއި ކަމެއް ހޯދުމަށް ފިޓްނަސް ޕްރޮގްރާމެއް ފެށުން ރަނގަޅެވެ. ސަބަބުތައް ބައިވަރެވެ.

މާބަނޑު ދުވަސްވަރު އަރާ ތަދުތަކާއި ރިއްސުންތައް މަދުވޭ

މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތަކާއި އަދި ހަށިގަނޑުގެ މަސްތައް ބާރުވުމުގެ ސަބަބުން ގިނަ އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. ނަމަވެސް އެ ތަދުތަކަށް ލުއިކަމެއް ގެނައުމަށް ނުވަތަ އެއްކޮށް ފަސޭހަ ކޮށްލުމަށް ކަމާ ގުޅުންހުރި ކަސްރަތުތައް އެހީވެދެ އެވެ.

ގުދުރަތީ ގޮތުން ވިހަން އެހީވެދޭ

މާބަނޑު ދުވަސްވަރު ގިނަ ބަޔަކު އެންމެ ބިރު ގަންނަ އެއް ކަމަކީ ސިޒޭރިއަން ސެކްޝަން ނުވަތަ ސީ ސެކްޝަނަކަށް ދިއުމެވެ. ސްޕެއިންގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މާބަނޑު ދުވަސްވަރު މަދުވެގެން ހަފްތާއަކު ތިން ދުވަހު ކަސްރަތު ކުރާނަމަ ސީ ސެކްޝަން އަކަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑު ފަލަވުން ކުޑަކޮށްދޭ

މާބަނޑު ދުވަސްވަރު ކަސްރަތު ނުކުރާ މީހަކަށްވުރެ ކަސްރަތު ކުރާ މީހެއްގެ ބަރުދަން ލުއިކޮށްދޭނެ އެވެ. އަދި މާބަނޑު ދުވަސްވަރު ކަސްރަތު ކުރާނަމަ ވިހެއުމަށްފަހު ހަށިގަނޑު ކުރިން ހުރި ގޮތަށް ގެންނަން އެހީވެދެ އެވެ.

ވިހެއުމަށްފަހު އަަވަހަށް ފަސޭހަކޮށްދޭ

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ ސަބަބުން މަސްގަނޑުތަކުގެ ބާރު ދޫވެ، ފަހުން ބަރުދަން ލުއިކުރަންޖެހޭ ކުރުން މަދުވެ އެވެ. އަދި މާބަނޑު ދުވަސްވަރަށް ހާއްސަ ކަސްރަތުތަކެއް ގަވާއިދުން ކުރާނަމަ ވިހެއުމަށްފަހު އާންމު މިންވަރަށްވުރެ އަވަހަށް ފަސޭހަވުމަށް މަގުފަހިވެ އެވެ.