މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށްޓަކައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން މަސްވެރިން ހިމޭން އިހްތިޖާޖެއް ކޮށްފި އެވެ.

މަސްވެރިން މިއަދު ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން ތިބީ ކުރީ ކަޅު ޓީޝާޓުގައި އަނގަމަތީ ޓޭޕް އަޅައިގެންނެވެ.

މަސްވެރިން ކުރި ހަމަހިމޭން އިހުތިޖާޖުގައި، އެމީހުންގެ ޝުއޫރުތައް ހާމަކުރީ ލިޔުމުންނެވެ. އެގޮތުން "މަސްްވެރިންނަށް ވީ ވައުދު ކޮބާ" އަދި "ބާނާ މަހަށް ހަމަ އަގު ނުލިބޭ" ފަދަ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބެ މަސްވެރިންވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.

ރައީސް ސޯލިހުވަނީ އިހްތިޖާޖުކުރަންތިބި މީހުންނާ ބައްދަލުކޮށް އެމީހުންގެ އަޑު އައްސަވާފަ އެވެ.

ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފަރެސްމާތޮޑާގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިސަރުކާރުން މަސްވެރިންނަށް ވެފައިވާ މުހިއްމު ވައުދުތައް ނުފުއްދޭތީ މަސްވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ، އެގޮތުން މަސްވެރިންނަށް ދޭން ބުނި ހަމަ އަގު ނުލިބޭ ކަމަށާއި މަސްވެރިން ބާނާ މަސްނުކިރޭ މައްސަލައަށް ވެސް ހައްލެއްނާދެ އެވެ. މީގެ އިތުރުން މަސްވެރިންގެ ޕްލެޓްފޯމާއި ކަންނެލި ޖަގަހަ ތަކާއި ގޭދޮށު މަސްފެކްޓްރީތައްވެސް އަދިވެސް ކުރިއަށް ނުދާތީ އެކަމާވެސް މަސްވެރިން ޝަކުވާ ކުރެ އެވެ.

ޑރ. ހުސެއިން އަކީ މަސްވެރިކަމުގެ ވުޒާރާއަށް މި ސަރުކާރުން އައްޔަން ކުރެއްބި ދެވަނަ ވަޒީރެވެ. އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގަ އެވެ. އޭގެ ކުރިން ވަޒީރަކަށް ހުންނެވީ އެމްއާރްއެމްގެ ޒަހާ ވަހީދެވެ.