މޮސްކޯ (12 ޑިސެމްބަރު) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާން ބޭނުންނުވެގެން ދެކޮޅު ހަދާ ރަޝިއާ އަސްކަރިއްޔާގެ ސިފައިންނަށް އަނިޔާ ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

މިފަަދަ އެތައް ރިޕޯޓުތަކެއް ލިިބިފައިވާއިރު ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހެދި ސިފައިންގެ އާއިލާތަކުން ވަނީ އެފަރާތްތަކަށް އެކި ވަރުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދެމުން އަންނަ ކަމަށެވެ.

އެގޮތުން ހަނގުރާމައިގައި ބައިވެރިވާން ދިޔަ ޒުވާން ފައުޖީއެއްގެ ބައްޕަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ހަނގުރާމައިގެ މައިދާނުން ނުކުންނަން ނިންމައި އެކަން އެންގުމުން އޭނާ އަސްކަރީ ޖަލަށް ލައި އެތައް އަނިޔާއެއް ކޮށްފައިވާ ކަމަށެވެ.

ދަރިފުޅު އަނބުރާ ރަޝިއާއަށް ގެންނަން އެ ބައްޕަ ކުރި މަސައްކަތުން އެކަން ކާމިޔާބު ވެފައިވާ ނަމަވެސް ދަރިފުޅަށް އެކަމުގެ ސަބަބުން ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"މެންދުރުގެ އަވީގައި ބަންޑުން ބާއްވާ ދެއެތް ފުރަގަހަށް ލާފައި ވެސް ބޭއްވި،" އޭނާ ބުންޏެވެ.

އޭގެ އިތުުރުން ވެސް ހަނގުރާމައަށް ނުކުންނަން ސިފައިންނަށް އަންގަނީ މިޝަން ބްރީފް ކުރުމެއް ނެތި ކުއްލިއަކަށް ކަމަށާއި އެކަށީގެންވާ ތަމްރީނާއި ހަތިޔާރު ނުދީ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ފެބްރުއަރީ މަހު ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފަށަން ރަޝިއާގެ ރައީސް ލަމިިޑިއާ ޕުޓިން ނިންމެވިއިރު އޭރު އޭނާ ވިދާޅުވެފައިވަނީ ހަނގުރާމައިގައި ބައިވެރިވާނީ ހަމައެކަނި ތަމްރީން ލިބިފައިވާ ސިފައިން ކަމަށެވެ.

އެހެން ނަމަވެސް ސެޕްޓެމްބަރު މަހާ ހަމައަށް އެހުރިހާ ކަމެއް ބަދަލުވެ ތަމްރީން ފުރިހަމަ ކުރަމުން އަންނަ ކެޑޭޓް ސިފައިން ވެސް ހަނގުރާމައިގެ މައިދާނަށް ނުކުންނަން ޕުޓިންގެ އަމުރު ވަނީ އައިސްފަ އެވެ.

އެއާއެކު އެތައް ހާސް އާއްމުންނެއް އެކަށީގެންވާ ތަމްރީނުތަކާ ނުލާ ވެސް އަސްކަރިއްޔާއަށް ނަަގައި ހަނގުރާމައަށް ފޮނުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަޝިއާ އަސްކަރިއްޔާގެ ފަރާތުން ޔޫކްރެއިނަށް ދިޔަ ގިނަ އަދަދެއްގެ ސިފައިން ހަނގުރާމައިން ނުކުންނަން ބޭނުންވެ އެހެން ނަމަވެސް އެކަމުގެ މަގު ނުފެނިފައި އެބަތިބި ކަމަށް ހަބަރުތައް ބުނެ އެވެ. -- ބީބީސީ