ތެހްރާން (12 ޑިސެމްބަރު) - އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި މަރުގެ އަދަބު ދެވޭ ފަރާތްތަކަށް އެ ހުކުމް ތަންފީޒު ކުރަން އެ ގައުމުން ފަށައިފި އެވެ.

މިގޮތަށް މަރުގެ ހުކުމް ދެވޭ ފަރާތްތައް ދަން ޖައްސައިގެން މަރަށް ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ މީހާ ދަން ޖައްސާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެއަށްފަހު މިއަދު އިތުރު މީހަކަށް މަރުގެ އަދަބު ތަންފީޒު ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެފައިވެ އެވެ. މިއަދު މަރުގެ އަދަބު ދެވުނީ މުޒާހަރާގައި ބައިވެރިވި ފިރިހެނަކަށެވެ.

އީރާނުގެ އިދާރާތަކުން ބުނި ގޮތުގައި އެ މީހާއަށް މަރުގެ އަދަބު އިއްވުނީ ހަމަނުޖެހުންތަކުގެ ތެރެއިން ވަޅިއަކުން ހަމަލާދީ ސަލާމަތީ ބާރުތަކުގެ ދެ އޮފިސަރުން މަރާލައި އިތުރު ބަޔަކު ޒަހަމް ކޮށްފައިވާތީ އެވެ.

މާޖިދްރަޒާ ނަމަކަށް ކިޔާ އެމީހާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހައްޔަރު ކުރެވުނުއިރު މަރުގެ ހުކުމް އިއްވާފައިވަނީ އެ މަހުގެ 29 ވަނަ ދުވަހު އެވެ.

އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި އެތައްހާސް ބަޔަކު ހައްޔަރު ކޮށްފައިވާއިރު ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމުގައި ފަސް ނުޖެހޭނެ ކަމަށް އީރާނުން މީގެ ކުރިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ