ބޯ ހިރުވުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވެފައިވާ އުނދަގުލެކެވެ. ދާހިއްލުމާއި އިސްތަށިގަނޑު ހަޑިވުމަކީ ހިރުވަން މެދުވެރިވާ އާއްމު ސަބަބުތައް ނަމަވެސް ބައެއް ފަހަރު މީގެ ފަހަތުގައި އެހެން ސަބަބެއް ވެސް އޮވެ އެވެ.

ބައެއް މީހުންނަށް އެ މައްސަލަ ދިމާވަނީ ސޯރިއޭސިސް ކިޔާ ހަމުގެ ބައްޔެއް ޖެހުމުންނެވެ. ސޯރިއޭސިސް ޖެހުމުން ބޮލުގެ ހަންގަނޑު ފާރުވެ، އެކި ހިސާބުތަކުގައި ކުދި ކުދި ފާރު ހެދެ އެވެ. އަދި އެ ފާރުތަކުގައި ވަރަށް އަވަހަށް ޖަރާސީމު އަށަގަންނަ ގޮތްވެ އެވެ. ސޯރިއޭސިސް ޖެހުމުން ބޯ އެހާ ގަދަޔަށް ކަހަނީ އެހެން ވެގެންނެވެ.

އެކްޒީމާ އަކީ ވެސް ބޮލުގެ ހަންގަނޑު ކެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ސައިންސްވެރިން ދެކެ އެވެ. އެކްޒީމާ ޖެހުމުން ބޮލާއި ގައިގެ ހަންގަނޑު އާންމުކޮށް ހުންނަ ވަރަށްވުރެ ރަތްވެ އެވެ.

ބޮލުގެ ހަންގަނޑުގެ ތެތްކަން ދަމަހައްޓަން އިސްކަން ނުދެވުމަކީ ހަންގަނޑު ކުރަކިވެ ހިކޭ ސަބަބެކެވެ. އޭގެ ސަބަބުން ބޮލުން ހަން ފޮޅި، ފާރުވެ ހަންގަނޑު އަބަދު ހިރުވާ ގޮތްވެ އެވެ. ބައެއް ފަހަރު އުމުރުން ދުވަސްވާ ވަރަކަށް ވެސް ބޮލުގެ ހަންގަނޑުގެ ތެތްކަން ކުޑަވެ އެވެ. ހަމަ އެހެންމެ ހޯމޯނަށް އަންނަ ބަދަލަކީވެސް ބޮލުގެ ހަންގަނޑު ހިރުވާ ސަބަބެއް ކަމަށް ސައިންސްވެރިން އިއްތިފާގުވެ އެވެ.

މީގެ އިތުރުންވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް ބޮލުގެ ހަންގަނޑު ހަލާކުވެ އެވެ. އެއާއެކު ބޮލުގެ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ ބޭނުން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ސައިންސްވެރިންނާއި ސިއްހީ އިލްމުވެރިން ލަފާދެ އެވެ.

ބޮލުގެ ހަންގަނޑުގެ ހިރުވުން ރަނގަޅު ކުރަން ސީދާބޭހެއް ނުހުރެ އެވެ. ނަމަވެސް ގުދުރަތީ ތެޔޮ ބޭނުންކުރުމާއި، ވިނެގާ އަދި ހީނާފަތް ކަހަލަ ބައެއް އެއްޗިހި ބޮލުގައި ލުމަކީ ބޮލުގެ ހަންގަނޑުގެ ހިރުވުން ރަނގަޅު ކުރުމަށް ހުންނަ ގުދުރަތީ ފަރުވާތަކެކެވެ.