ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ނެރުނު "އާޝިގީ" އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ. އަދި މިފިލްމުގެ ދެ ވަނަ ބަޔަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. މިހާރު އަނެއްކާވެސް މިދުވަސްވަރު މިވަނީ "އާޝިގީ 3" ގެ އަޑު ގަދަވެފަ އެވެ.

މިހާރު "އާޝިގީ 3" ގެ ލީޑު އެކްޓަރުގެ ރޯލަށް ކާތިކް އާރިޔަން ހަމަޖެއްސިކަން އިއުލާންކުރުމާ އެކު ވާހަކަ ދެކެވެމުން އަންނަނީ އެ ފިލްމުން ފެންނާނެ އަންހެން ތަރިއަކާ މެދު އެވެ.

އެންމެ ފުރަތަމަ އަޑު އެރީ އެ ރޯލަށް ޓީވީ އެކްޓްރެސް ޖެނިފާ ވިންޖެޓް ހަމަޖެހުނު ކަމަށެވެ.ޖެނިފާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރި، ދީޕިކާ ޕަޑުކޯނާއި އެ ފިލްމުގެ ދެވަނަ ބައިން ވެސް ފެނުނު ޝްރައްދާ ކަޕޫރާއި ކްރިތީ ސަނޮން އެވެ. މީގެ އިތުރުން "އާޝިގީ 3" އަށް ސާރާ އަލީ ޚާން ނުވަތަ "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ މަންދަނާ ވެސް ވަރަށް ފިޓްވާނެ ކަމަށް ބުނެ ފޭނުންތަކެއް ވާހަކަތަކެއް ދައްކާފައިވެ އެވެ.

"އާޝިގީ 3" ޑައިރެކްޓްކުރާނީ އަނޫރާގް ބާސޫ އެވެ. އަދި މިފިލްމުގެ ޕްރޮޑިއުސަރުންނަކީ ބޫޝަން ކުމާރާއި މުކޭޝް ބަޓް އެވެ.

"އާޝީގީ 3" އިން ފެނިގެންދާނެ ބަތަލާއަކާ ބެހޭ ގޮތުން ފޭނުން ބަހުސެއްގައި ތިއްބާ މިފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓް މިވަނީ ލީޑް އަންހެން ތަރިޔާ ބެހޭ ގޮތުން ތަފާތު ވާހަކައެއް ހިއްސާ ކޮށްފަ އެވެ. ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި މުކޭޝް ބުނީ "އާޝިގީ 3" އިން އާ ބަތަލާއަކު ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.

"ބޭނުން ވަނީ މި ފިލްމުން އާ މޫނެއް ތައާރަފުކުރަން. އެހެންވެ ބަތަލާއަކު ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އާޝިގީގެ ފުރަތަމަ ބައި ޑައިރެކްޓްކުރި މަހޭޝް ބަޓްގެ ކޮއްކޮ މުކޭޝް ބުންޏެވެ.

މުކޭޝް ބުނި ގޮތުގައި "އާޝިގީ 3" އަދި އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. އަދި ފިލްމުގެ މަސައްކަތްތައް ފަށާނީ އަންނަ އަހަރު އެވެ. މި ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ މިދިޔަ ހަފުތާގައި ވަނީ އޭނަ 2007 ގައި ގެނެސްދިން "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް "މެޓްރޯ: އިންދި ނޯ" އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ކާސްޓް ވެސް އިއުލާންކޮށްފައިވާ އިރު، "އާޝިގީ 3" ގެ ކުރިން "މެޓްރޯ" ގެ ސީކްއެލް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

އާޝިގީ އަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި އާޝިގީގެ ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. އަދި 2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައިން ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ.